ޚަބަރު

ވެޓް ކްލިނިކުން 900 އަށްވުރެ ގިނަ ޖަނަވާރުންނަށް ފަރުވާދީފި


ވިލިމާލޭގައި ހިންގަމުންދާ ވެޓެރިނަރީ ސަރވިސް މެދުވެރިކޮށް މިހާތަނަށް 900 އަށްވުރެ ގިނަ ޖަނަވާރުންނަށް ފަރުވާ ދީފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ވެޓެރިނަރީ ސަރވިސް ކްލިނިކް ހިންގާ ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ގިނަ ބަޔަކު ވެޓެރިނަރީ ސަރވިސް ކްލިނިކުން ޚިދުމަތް ހޯދަމުންދާއިރު، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ޖަނަވާރުންނަށް ފަރުވާ ދިނުމަށް ޚާއްސަ ވެޓެރިނޭރިއަނެއް ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ވެޓެރިނަރީ ސަރވިސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ހުޅުވާ ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުއެވެ.

މޯބައިލް ވެޓެރިނަރީ ސަރވިސްގެ ނަމުގައި، ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސްގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މީގެ ކުރިން ދެމުންދިޔަ ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކެއް މެދުވެރިކޮށް މި ޚިދުމަތް ދޭން ފެށީ، ޕެޓުންގެ ގޮތުގައި ޖަނަވާރު އޮޅުކޮށްގެން އުޅޭ ފަރާތްތައް ރާއްޖޭގައިވެސް ގިނަވުމާއެކު، މި ޚިދުމަތަށް އޮތް ޑިމާންޑް އިތުރުވުމުންނެވެ.

ވިލިމާލެ ވެޓެރިނަރީ ސަރވިސަސްއިން ލިބެން ހުންނަ ޚިދުމަތްތަކަށް ބަލާއިރު، ރޫޓީން ޗެކްއަޕް ހެއްދުމާއި، ވެކްސިން ޖެހުމާއި، އެމަރޖެންސީ ކެއަރގެ ޚިދުމަތް ހިމެނެއެވެ. އަދި ޖަނަވާރުންގެ ގައިގައި މައިކްރޯ ޗިޕް ހަރުކުރުމާއި، އެކި ކަހަލަ ސަރޖަރީތައް ކުރުމުގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. ނަމަވެސް އެތަނުގައި ދާއިމީ ވެޓެރިނޭރިއަނެއް ނެތުމާއެކު، މި ޚިދުމަތް ފޯރުކޮށްދެމުންދަނީ ކޮންޓްރެކްޓަށް ސްޓާފުން ނަގައިގެންނެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ކްލިނިކެއްގެ ސިފައިގައި މި ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް 900 އަށްވުރެ ޖަނަވާރުންނަށް ފަރުވާދީފައިވާއިރު، މިވަގުތު އެތަނުގައި ވެޓެރިނޭރިއަނެއްގެ ގޮތުގައި މަސައްކަތްކުރަނީ ފިލިޕީންސްގެ ތަޖުރިބާކާރެކެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ އިބްރާހީމް ޝަބާޢު ވެޓެރިނަރީ ސަރވިސް ދެމުންދާ އިމާރާތަކީ ޖާގައިގެ ގޮތުން ކުޑަތަނަކަށްވުމުން، އެތަނަށް ޚިދުމަތް ހޯދަންދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ރިސެޕްޝަން ކައުންޓަރ ބޮޑުކޮށް، ޖަނަވާރުންނަށް ކުޅޭނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރަތްކުރައްވާ ޝަބާޢު ވިދާޅުވީ، ވެޓެރިނަރީ ޑިގްރީއަށް ކިޔެވުމަށް ލިބިފައިވާ ފުރުޞަތެއްގެ ތެރެއިން އެ މިނިސްޓްރީގެ ސްޓާފަކަށް ޕްލޭސްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެންނަށް އެމް.ޔޫ ފައުންޑޭޝަންގެ ފަރާތުން ދެއްވާފައި އޮތް ޓްރެއިނިންގ ފުރުޞަތުގެ ތެރެއިން ވެޓެރިނަރީ ޑިގްރީއަކަށް ކިޔެވުމުގެ ފުރުޞަތު ވަނީ ލިބިފައި. އަޅުގަނޑުމެން މިހާރު ޕްލޭސްމަންޓް ހޯދަމުން މިދަނީ އަޅުގަނޑުމެންގެ ސްޓާފަކު މި ދާއިރާއިން ތަމްރީން ކުރުމަށް. މިދާއިރާއިން މީހުން ތަމްރީން ކުރުމަކީ ފަސޭހަކަމެއްނޫން. ނަމަވެސް ވެޓެރިނަރީ އެސިސްޓެންޓުންގެ ގޮތުގައި ކުދިން އެބަ ގެންގުޅެން މިހާރުވެސް، ފަސްޓް ހޭންޑްކޮށް ބޭނުންވާ ތަމްރީންތައް ދީގެން"

ޕެޓް ޝޮޕްތައް އޮޕަރޭޓްކުރުމުގައިވެސް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރައްވާ، ޝަބާޢު ވިދާޅުވީ، ޖަނަވާރުން އޮޅުކޮށްގެން ގެންގުޅޭ ފަރާތްތަކަށް އިޖްތިމާޢީ ފެންވަރެއްގައި އެންމެ ފަސޭހައިން މި ޚިދުމަތް ފޯރުކޮށްދެވޭނީ ޕްރައިވެޓް ސެކްޓަރއަށްކަމުން، ވެޓެރިނަރީގެ ޚިދުމަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށެވެ. ނަމަވެސް މިކަމަށް އަދި މިހާތަނަށް އެކަށީގެންވާރުގެ ތަރުޚީބެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.