ޚަބަރު

ބ.އަތޮޅު އަނގަފަރު ހިމާޔަތްކޮށް ބެލެހެއްޓުމަށް ސާވޭ ކުރަން ފަށައިފި


ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ އަނގަފަރު ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށް ސާވޭއެއް ކުރަން ފަށައިފިއެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިސާވް އޮފީހާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގެ ކަނޑުފަޅުގެ ދިރުންތައް ދިރާސާކުރުމާ، ޒޯނޭޝަން ޕްލޭން ހެދުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމެވެ.

މި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މިސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނެއް ހެދުމަށް މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ ކަމަށްވެސް ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވިއެވެ.

މި ސާވޭގެ ދަށުން އަނގަފަރާ ގުޅިފައިވާ ދިގު ތިލައާއި އެ ފަރު ކައިރީގައި އޮންނަ ދޮންފަނު ތިލަވެސް ސާވޭކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގެ އިތުރުން ދަރަވަންދޫ ތިލައާއި ބޮޑު ތިލަވެސް ސާވޭކުރުމަށް ވަނީ ހަމޖެހިފައެވެ.

ކަނޑުގެ ދިރުމުގެ މުއްސަނދި އަތޮޅެއްގޮތުގައި ބެލެވޭ ބ.އަތޮޅުގައި މިފަހަރު ހިމާޔަތްކޮށް ބެލެހެއްޓުމަށް ތައްޔާރުވަމުންދާ އަނގަފަރަކީ ޅަމިޔަރު ވިހާ އާލާވާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

ބ.އަތޮޅުގައި ހިމާޔަތްކޮށްފައިވާ 10 ތަނެއް އޮންނައިރު މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދަނީ 3 ސަރަހައްދެކެވެ. އެއީ އެންމަޑި އާއި ފެހުރެހި އާލާވާ ހަނިފަރުބޭ އާއި ހޯރަ އަރާ ރަށެއްކަމަށްވާ އޮޅަގިރީގެ އިތުރުން ޕިކްނިކް އައިލެންޑްއެއްގޮތުގައި ބޭނުންކުރަމުންދާ މެންދޫ ހިމެނޭ ސަރަހައްދެވެ.