ޚަބަރު

ކީރިތި ޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތަށް ބަދަލުކުރަނީ


ކީރިތި ޤުރުޢާނާއި ބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތަށް ބަދަލުކުރުމަށް އިސްލާމިކް މިނިސްޓްރީއިން މަސައްކަތް ކުރައްވަމުންދާކަމަށް ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރިކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުން އަންނަ އަހަރަށް ފަށާ ކޯސްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ޤާސިމް ވިދާޅުވީ ޤުރުޢާނާބެހޭ މަރުކަޒަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށެވެ. ޤުރުޢާނާ ބެހޭ މަރުކަޒުގައި މިހާރު ކިޔަވައިދެމުން އަންނަނީ 6 ކްލާސްރޫމްގައެވެ. މިއީ ކޯސްތަކަށް ގިނަ ފަރާތްތަކަށް ޖާގަދިނުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި އަލީ ޤާސިމް ފާހަގަކުރެއްވިއެވެ.

"ޖާގައިގެ ދަތިކަމަށް ވަގުތީ ޙައްލެއް، އަލަށް ހަދާ ކިންގް ސަލްމާން މިސްކިތުން ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. މިއީ ވަރަށް އުފާވެރި ޚަބަރެކެވެ. އޭރުން އަންނަ އަހަރު އެ އިމާރާތަށް ބަދަލުވެ، އިތުރު ޖާގަލިބި ގިނަ ދަތިވަރުންނަށް ފުރުސަތު ދެވޭނެ." އަލީ ޤާސިމް ވިދާޅުވިއެވެ.

އަލީ ޤާސިމް ވިދާޅުވީ މިހާރުވެސް ހެނދުނުން ފެށިގެން ރޭގަނޑު ދިހައެއް ޖެހުމާއި ހަމައަށް ޤުރުޢާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ކުރިއަށްގެންދާކަމަށެވެ.