ޚަބަރު

މާވެޔޮ މިސްކިތް، އަންނަ ރަމަޟާންމަހަށް ހުޅުވަން ތައްޔާރުވަނީ


މާވެޔޮ މިސްކިތް، މަސްޖިދުލް ބަހާއުއްދީނުގެ މަސައްކަތް ނިންމައި އަންނަ ރަމަޟާންމަހު ނަމާދުކުރަން ފެށޭވަރު ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރަމުންދަނީ މިސްކިތުގެ ފިނިޝިންގ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ތެރޭގައި ކަރަންޓު ވައިރު ކުރުމުގެ މަސައްކަތާއި، ސެޓްތައް ހަރުކުރުމާއި، ގްލާސް ޕެނަލްތައް ހަރުކުރުން ހިމެނެއެވެ. އަދި ކުލަ ނުލާހުރި ތަންތާންގައި ކުލަލުމާއި، ކާޕެޓް އެޅުމާއި، މިސްކިތުގެ ކެލިގްރަފީ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ކުރިން ހުރި މާވެޔޮ މިސްކިތް ތަޅާލައި، މިސްކިތް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުއެވެ. މާވެޔޮ މިސްކިތް ތަރައްޤީކުރަނީ 5 ފަންގިފިލާއަށް، 1800 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކުއެވެ. މާވެޔޮ މިސްކިތުގެ އިތުރުން މާފަންނު އާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެ މިސްކިތުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި މިހާރު ކުރަމުންދަނީ މިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މާލޭގައި ހަދަމުންދާ ބައެއް މިސްކިތްތަކުގެ މަސައްކަތް ލަސްވަމުންދާތީ އިސްލާމިކް މިނިސްޓްރީންވަނީ އެ މިސްކިތްތަކުގެ ކޮންޓްރެކްޓަރުންނާއި ބައްދަލުކޮށް، މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.