ކުޅިވަރު

އެންމެ މޮޅީ މެސީއޭ ބުނަން ދަތި: ރޮނާލްޑީނިއޯ


ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއޭ ބުނަން ދަތި ކަމަށް ބްރެޒިލްގެ މަޝްހޫރު ރޮނާލްޑީނިއޯ ބުނެފި އެވެ.

ބާސެލޯނާގެ ފުރަތަމަ ޓީމަށް މެސީ ނަގަން ކޯޗު ފްރޭންކް ރައިކާޑަށް އިރުޝާދުދިން ރޮނާލްޑީނިއޯ މިހެން ބުނީ ރެކޯޑް އަދަދެއް ކަމަށްވާ ހަ ވަނަ ފަހަރަށް މެސީ ބެލޮންޑީއޯ އެވޯޑް ހޯދުމުންނެވެ.

"އޭނާއަށް އެވޯޑް ލިބުމުން އަހަރެން އުފާވޭ. ސަބަބަކީ އޭނާ އަށް ރަހުމަތްތެރިއަކަށްވުން. އޭނާ އަކީ ވަރަށް ތަފާތު ކުޅުންތެރިއެއް. އަހަރެން ކުޅުންތެރިން އަޅާކިޔާކަށް ބޭނުމެއްނޫން. އެކަމަކު މެސީ އަކީ އޭނާގެ ދުވަސްވަރު އެންމެ މޮޅު ކުޅުންތެރިޔާ. އެކަމަކު އަހަރެން ބުނާކަށް ނެތިން (ބްރެޒިލްގެ) ރޮނާލްޑޯ އާއި ޕެލޭ އަދި މަރަޑޯނާ އަށްވުރެ އޭނާ މޮޅޭ،" ބާސެލޯނާގައި މެސީއާއެކު ކުޅުނު ރޮނާލްޑީނިއޯ ބުންޏެވެ.

ދެ ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދައި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައިން ރޮނާލްޑޯނިއޯ ފާހަގަކުރި ތިން ކުޅުންތެރިންނަކީ ވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ކުޅުންތެރިންނެވެ.

ބްރެޒިލްގެ ޕެލޭ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއރު މަރަޑޯނާ އަކީ 1986ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަނެވެ. އަދި ތިން ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ އަކީ 1998 އާއި 2002ގެ ވޯލްޑް ބްރެޒިލަށް ކާމިޔާބުކޮށްދީ ދެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް ހާސިލްކޮށްފައިވާ ކުޅުންތެރިޔާއެވެ. މެސީއަށް ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ 2014 ވަނަ އަހަރެވެ. އެފަހަރު ފައިނަލްގައި ބަލިވީ ޖަރުމަން އަތުންނެވެ.