ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އެންމެ ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވެނީ މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވެނީ 8 މޭލާއި 18 މޭލާ ދެމެދު ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު އެ ވަގުތުތަކުގައި އުތުރުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ ދެކުނުގެ ރަށްތަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން 3 މޭލާއި 13މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު އެ ސަރަޙައްދުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެެއެވެ.
އެ އިދާރާއިންވަނީ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.