ޚަބަރު

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަނެއްކާވެސް މޫސުން ގޯސްވާނެ - މެޓް އޮފީސް



މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ މޫސުމަށް ބަލާއިރު، މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށްވަނީ ލަފާކޮށްފައެވެ. މި ސައްޙައްދުތަކަށް އެވަރެޖްކޮށް 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާ ވަގުތު ކަނޑުތައް ގަދަވާނެތީ ދަތުރުކުރާ ފަރަތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ކުރިއަށް އޮތް 24ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އިދާރާޢިން މަޢުލޫމާތުދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.