ތިމާވެށި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އީޔޫފަދަ ޖަމާޢަތްތަކުގެ އެއްބާރުލުން ބޭނުންވޭ - އެންވަޔަރަންމަންޓް މިނިސްޓަރ


މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަން ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ޖަމާޢަތްތަކުގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ މިހެން ވިދާޅުވީ އދ.ން ސްޕެއިންގައި މިހާރު ބާއްވަމުންގެންދާ ކޮޕް 25 ސަމިޓުގެ ހަވާސާގެ ތެރެއިން ޔޫރަޕިއަން ޔޫނިއަން، އީ.ޔޫގެ ޕާލަމަންޓް ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސްގައި ހިމެނޭ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރެއްވިއެވެ. އަދި އެކަންކަމުން އަރައިގަތުމުގައި އީޔޫއާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އދ.ގެ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި ދިވެހިރާއްޖެ ތަމްޞީލުކުރައްވާ، އެންވަޔަރަންމަންޓް މިނިސްޓަރ ކުރެއްވި ތަޤްރީރުގައި ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒުކުރުމަށްޓަކައި ކުރިޔަށް އަމާޒުކުރެވޭ ނުވަތަ ލަފާ ކުރެވޭ މިންވަރަށް ބޭނުންވާނެ މާލީ އެހީ ފަސޭހަ ކަމާއި ޔަޤީންކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ޤައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެން.ޑީ.ސީ.ގެ އަމާޒުތައް ހާސިލުކޮށް ތަންފީޒުކުރުމަށްވެސް މާލީ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮޕް25 ގެ ހަވާސާގެ ތެރެއިން ސިޑްސްގައި ހިމެނޭ ޤައުމުތަކުގެ މެދުގައި ކުރިއަށްދިޔަ މަތީފަންތީގެ މަޝްވަރާ ބައްދަލުވާއި، މޯނާ ބްލޫ ޕެސިފިކް ޕެވީލިއަން އިވެންޓްގެ އިތުރުން މިނިސްޓީރިއަލް ފެންވަރުގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައިވެސް އެންވަޔަރަންމަންޓް މިނިސްޓަރ ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ވަނީ ހިއްސާކުރައްވާފައެވެ.