ތަޢުލީމު

ޢިއްޒުއްދީން ސްކޫލަށް މާދަމާ ދަރިވަރުން ރަޖިސްޓްރީ ކުރަން ފަށަނީ


އަންނަ އަހަރަށް ޢިއްޒުއްދީން ސްކޫލުން ޖާގަލިބިފައިވާ ދަރިވަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ސްކޫލަކީ ކުރީގެ މާލޭ އިންގްލިޝް ސްކޫލް، އެމްއީއެސް ހިންގި އިމާރާތުގައި އަންނަ އަހަރު އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ސްކޫލެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޢިއްޒުއްދީން ސްކޫލުން 2020 ވަނަ އަހަރަށް ޖާގަ ލިބިފައިވާ ދަރިވަރުން ރަޖިސްޓްރީކުރުން މާދަމާއިން ފެށިގެން ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1 ޖެހުމާއި ހަމައަށް އެ މިނިސްޓްރީގައި ކުރިއަށްދާނެ ކަމަށެވެ. އަދި ދަރިވަރުންގެ ރަޖިސްޓްރޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި، ވެލާނާ ބިލްޑިންގގެ 8 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޢިއްޒުއްދީން ސްކޫލަކީ ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެއްނަމަވެސް، އަންނަ އަހަރު ކިޔަވައިދޭނީ ގްރޭޑް 1 އިން ފެށިގެން 6 އަކާއި ހަމައަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ގްރޭޑް 1 އިން 4 އަކަށް ކޮންމެ ގްރޭޑެއްގައި 3 ކްލާސް ރޫމް އަދި ގްރޭޑް 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި 2 ކްލާސް ކިޔައިދޭނެކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޢިއްޒުއްދީން ސްކޫލަށް ކުދިން ވެއްދުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ޢިއްޒުއްދީން ސްކޫލަށް ދަރިވަރުން ވެއްދުމުގައި ޢަމަލު ކުރާނީ މާލޭ އެހެން ސްކޫލްތަކަށްވެސް ކުދިން ވެއްދުމުގައި ޢަމަލުކުރާ އުޞޫލުން ކަމަށެވެ. އަދި ގްރޭޑް 2ން ފެށިގެން ގްރޭޑް 6ށް ކުދިން ވައްދަން ބޭނުންވާނަމަ މިނިސްޓްރީއަށް ސިޓީ ހުށަހަޅަންޖެހޭނެ ކަމަށާއި، ދަރިވަރުން ވެއްދުމުގައި ސިޓީ ހުށަހަޅާ ތަރުތީބަށް އިސްކަންދޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކުރީގެ އީ.ޕީ.އެސް ސްކޫލް ހުރި ޢިމާރާތުގައި ޢިއްޒުއްދީން ސްކޫލުގެ ނަމުގައި އައު ސްކޫލެއް ހުޅުވުމަށް ނިންމާފައިވާއިރު، އެ އިމާރާތް މިހާތަނަށް ބޭނުންކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތައް ހިންގުމަށެވެ.

ޢިއްޒުއްދީން ސްކޫލް އަންނައަހަރު ހުޅުވުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ގެންދަނީ ކުރައްވަމުންނެވެ.