ވިޔަފާރި

އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި


އައްޑޫ ފްލައިން ސްކޫލް ހިނގުމަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ފްލައިން ސްކޫލެއް ހިނގުމުގެ ފުރުސަތު އަލުން ހުޅުވާލީ، މިއަހަރު މެދެއްހާ ހިސާބުގައި ފްލައިން ސްކޫލެއް ހިނގުމަށް އިއުލާންކޮށް އެކަމަށް ބޭނުންވާ މިންވަރަށް ޕްރޮޕޯސަލް ލިބިފައި ނުވާތީކަމަށް ގަން އެއާޕޯޓުން ބުނެއެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ރިމްނާ ހަސަން ވިދާޅުވީ، އަލުން ފުރުސަތު ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭނުންވާ ފަރާތްތަކަށް އިތުރަށް ފުރުސަތު ހުޅުވާލުން ކަމަށެވެ.

އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި 3 ފަރާތަކުން ޕްރޮޕޯސަލް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެންމެ އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ނުލިބުމާއެކު ކުރީގެ ހުށަހެޅުންތައް ކެންސަލްކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިމްނާ ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލީ ކުޑަ ބަދަލަކާއެކުކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް އިއާސާ ސެޓްފިކެޓް ހޯދުމަށް ދަތިތަކެއް ހުރުމާއެކު، އިއާސާ ސެޓްފިކެޓް ނުލާ ވެސް ޝައުގުވެރިކަން ފާޅުކޮށް މިފަހަރު ހުށަހެޅޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަމުގައި މިހާރު ފްލައިން ސްކޫލު ހިންގަމުންދާ އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގެ ކޮންޓްރެކްޓް އަންނަ ޖުލައިމަހު ހަމަވާނެއެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެއްބަސްވުން އާކުރަން ހުށަހެޅި ކުލި ބޮޑު ކަމަށް ބުނެ، އެފަރާތުން ދަނީ ނ.މާފަރަށް ފްލައިން ސްކޫލު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.