އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާއި ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 13 އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ހަވީރު 4:30 ހާއިރުކަމަށެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނަކާއި އުމުރުން 36 އަހަރުގެ އަންހެނެއްކަމަށް ފުލުހުންބުނެއެވެ.
ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭކަމަށް ބެލެވޭ އެ އާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް އެކުދިން ގެންގުޅެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން އެއާއިލާގައި ހިމެނޭ 6 ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައެވެ. އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ އެކުދިންނަށް އިހުމާލުވަމުންދާކަމަށް ހުށައެޅިފައިވާ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ދައުލަތުގެ ބެލުމުގެ ދަށަަށް ގެނެސްފައި ވަނީ، 13 އަހަރުގެ އަންހެން ކުއްޖާ އާއި އޭނާ ވިހޭ ދަރިފުޅުގެ އިތުރުން އެ އާއިލާގައި ހިމެނޭ އަނެއް 6 ކުދިންނެވެ. މި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިންކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުންވަނީ 13 އަހަރުގެ އަންހެންކުއްޖާ ބަލިވެ އިނދެ ވިހެއި މައްސަލަ އާއި ގުޅިގެން 26 އަހަރުގެ އިސްމާއީލް ހައްމާދު ހައްޔަރުކޮށް ތަހުގީޤު ފަށާފައެވެ.