ޚަބަރު

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކާމިޔާބީ ލިބޭނީ، އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށްގެން - މިނިސްޓަރ


މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނީ، އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށްގެންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އދ އިން ސްޕެއިންގައި މިހާރު ބާއްވަމުންގެންދާ ކޮޕް 25ގައި ރާއްޖެ ތަމްސީލްކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެންވަޔަރަންމެންޓް މިނިސްޓަރ ވަނީ، މޫސުމީ ބަދަލުތައް ވޭތުވެ ދިޔަ ތަނުގައި އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނީ އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށްގެން ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން މި ދާއިރާއިން ކުރާ މަސައްކަތްތަަކަށް އަލިއަޅުއްވާލެއްވި އެވެ. ކުރިއަށް އޮތް 5 އަހަރުދުވަހުގައި އިއާދަ ކުރަނިވި ހަކަތައިގެ މަސައްކަތްކުރުމަށް މަދުވެގެން 500 މިލިއަން ޑޮލަރު ބޭނުންވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވަނީ، ވޭތުވެ ދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ކްލައިމެޓް ފައިނޭންސް ދާއިރާގައި ބޮޑު ބަޔަކަށް ޚަރަދުކޮށްފައި ވަނީ ލޯނުންކަން ފާހަގަ ކުރައްވާފައެވެ. މީގެ ބަދަލުގައި މިއަދު ބޭނުންވަނީ، ޑޯނަރުންގެ އެހީލިބި މި މަސައްކަތްތަށް ހަރުދަނާވުން ކަމަށެވެ.

" މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނީ، އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށްގެން. ކުރިއަށް އޮތް 5 އަހަރުދުވަހުގައި އިއާދަކުރަނިވި ހަކަތައިގެ މަސައްކަތްކުރުމަށް މަދުވެގެން 500 މިލިއަން ޑޮލަރު ރާއްޖެއަށް އެކަނިވެސް ބޭނުންވޭ." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޕެރިސް އެގްރިމެންޓަށް ހުރިހާ ޤައުމަކުންވެސް ބޯލަނބާ އެކުގައި މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮޕްގެ 25 ވަނަ ބައްދަލުވުން ބާއްވާއިރު މި ބައްދަލުވުންތަކުން ނެރެފައިވާ ބައިނަލްއަޤްވާމީ ފްރޭމްވޯކްތަށް ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.