ޚަބަރު

ޕްލާސްޓިކްގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު އީގާންގެ މި ފޮޓޯތަކުން


ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ވަކިން ޙާއްސަކޮށް ދިރޭތަކެތީގެ ނަޞްލަށްކުރާ ނޭދެވޭ އަޞަރުތަކުގެ ވާހަކަތަކަކީ ދައްކަން އައު ވާހަކަތަކެއް ނޫނެވެ. މިކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް އެކި ފަރާތްތަކުން ތަފާތު މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަހަރު މިއޮތީ އެފަދަ ފަރާތެއްގެ ވާހަކައެކެވެ. ޒުވާން ކުރެހުންތެރިޔާ އީގާން ބަދީޢު، މިކަމަށް އާއްމުންގެ ލޯތައް ހުޅުވާލަދިނީ ފަންހާމަހަކާއި، ޕްލާސްޓިކް ކޮތަޅެއް ބޭނުންކޮށްގެންނެވެ.

މިގޮތުން ޕްލާސްޓިކްގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ދައްކުވައިދޭ ޙާއްސަ ފޮޓޯ މައުރަޒެއް ނެޝެނަލް އާޓް ގެލަރީގައި މިހާރު ވަނީ ފަށާފައެވެ.

"ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" މިނަމުގައި ކުރިއަށްދާ ފޮޓޯ މައުރަޒަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

އީގާންގެ އިސްނެގުމަކަށް އައިލެންޑް ކަލްޗަރސް އިން ނެޝެނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ "ފަންހާމަހާއި ޕްލާސްޓިކް ކޮތަޅު" ފޮޓޯ މައުރަޒު ހާއްސަކޮށްފައިވަނީ މިއަދު ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށްވާ ޕްލާސްޓިކަށެވެ. އެކަމުގެ އަސަރު ދިރޭތަކެތީގެ ނަޞްލަށް ކޮށްފައިވާ މިންވަރަށެވެ.

އީގާންގެ ހިތްގައިމު ކުރެހުންތައް މި ފޮޓޯ މައުރަޒުގައި ދައްކާލަން ބަހައްޓާފައި ވާއިރު، މިއިން ކޮންމެ ތަސްވީރަކުން އެތައް ވާހަކައެއް ބުނެދެއެވެ. ފެންކުލަ ބޭނުންކޮށްގެން ކުރަހާފައިވާ މި ތަސްވީރުތަކުން ދައްކުވައި ދެނީ ފަންހާމަހެއް، ޕްލާސްޓިކް ކޮތަޅެއްގެ ޝިކާރައަކަށްވެ، އޭތީގެ ހަޔާތް ނިމިގެންދާގޮތެވެ.

ބަލާބެލުމަށް މިއީ އާދައިގެ ކުރެހުންތަކެއްހެން ހީވިނަމަވެސް، މިއީ ޕްލާސްޓިކްގެ ނުރައްކާ، ރާއްޖެފަދަ ނާޒުކުރު ޤައުމަކަށް އޮތް މިންވަރު ދައްކުވައިދޭ ވަރަށްވެސް ފުރިހަމަ ކުރެހުންތަކެކެވެ. ކުރެހުންތަކާގުޅޭގޮތުން އީގާން ބުނެފައިވަނީ މިއީ ވިޔަފާރީގެ ބޭނުމަކަށް ކުރެހުންތަކެއް އާއްމުކޮށް ދައްކާލުމަށްވުރެ، ޕްލާސްޓިކްގެ ނުރައްކާ މި ކުޑަކުޑަ މުޖުތަމަޢުއަށް އޮތް މިންވަރު އޭނާއަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން އާއްމުންނަށް އަންގައިދިނުމުގެ ބޭނުމުގައި އާއްމުކޮށްފައިވާ ފޮޓޯތަކެއް ކަމަށެވެ.

އާޓިސްޓެއްގެ އިތުރުން އޭނާއަކީ ގަވާއިދުން ސްނޯކްލިންގއަށްދާ މީހެއްކަމުން، ރާއްޖޭގެ ގުދުރަތީ ވެށީގެ ހިތްގައިމުކަމާއި، އެ ވެއްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަރަށް ގާތުން ތަޖުރިބާ ކުރެވޭކަމަށް އީގާން ބުނެއެވެ. އެހެންކަމުން އޭނާގެ އެންމެ ބޮޑު ބޭނުމަކަށްވީވެސް މިފަދަ ތަސްވީރުތަކުން މުޖުތަމަޢުއަށް ހެޔޮ ބަދަލެއް ގެނައުންކަމަށް އީގާން ބުނެއެވެ.

މި މައުރަޒަށް އީގާން ތައްޔާރުކޮށްފައިވާ ފަންހާމަހާއި ޕްލާސްޓިކް ކޮތަޅުގެ ކުރެހުންތަކަކީ 6 މަސް ދުވަހުގެ މަސައްކަތްކަމަށް އޭނާ ބުނެއެވެ. މި މައުރަޒުގައި އީގާން ކުރަހާފައިވާ ކަނޑުފަޅުގެ ދިރުންތަކާގުޅުންހުރި އެހެނިހެން ބައެއް ކުރެހުންތައްވެސް ވަނީ ދައްކާލާފައެވެ.