ޚަބަރު

ހުނަރުވެރިން ބިނާކުރުމުގައި އެމްއެމްއައި ދައުރު ބޮޑު - އެޑިއުކޭޝަން މިނިސްޓްރީ


ހުނަރުވެރިން ބިނާކުރުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއިން އަދާކުރާ ދައުރު ވަރަށް ބޮޑުކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ސްކޫލްބަންދާއި ދިމާކޮށް އެމްއެމްއައިން ކުރިއަށްގެންދިޔަ ސްކޫލް ހޮލިޑޭ އެކްސްޓަރވެގެންޒާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ވަނީ ސަރުކާރުގެ ވަށައިޖެހޭ ތަޢުލީމުގެ ނިޒާމުގައި ހުނަރުވެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވައި ލައްވާފައެވެ. އެގޮތުން ފޮތަކުން ލިބޭ ތަޢުލީމަކަށްވުރެ ބޮޑަށް ކުއްޖާގެ ގައިގައި ހުރި ހުނަރު ތަރައްޤީކުރުމަށް އިސްކަންދޭކަން ފާހަގަކުރެއްވި އެވެ.

އަދި އެތަފާތު ސްކޫލް ކްލާސްރޫމުތަކުންނާއި، ދަސްވެނިވުމުގެ ރަސްމިއްޔާތު ތަކުންވެސް ފެންނާނެކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޑެޕިއުޓީ މިނިސްޓަރ ވަނީ ހުނަރުވެރިން ބިނާކުރުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

" ހުނަރުވެރިކަން ބިނާކުރުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން އަދާކުރާ ދައުރު ވަރަށް ބޮޑު. ސަރުކާރުގެ ވަށާޖެހޭ ތަޢުލީމުގެ ނިޒާމުގައި ހުނަރުވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން. މިކަން ސްކޫލް ކްލާސްރޫމާއި، ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުންވެސް މިއަންނަ އަހަރު ފެންނާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރު ވިދާޅުވިއެވެ.

މީޑިއާ އާއި، ކްރިއޭޓިވް އާރޓްސްގެ ދާއިރާއިން ތަފާތު ގިނަ ކޯސްތަކެއް ހިންގަމުންގެންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ޗުއްޓީ އާއި ދިމާކޮށް "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ 2019"ގެ ދަށުން މީޑިއާއާއި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން 12 ކޯހެއް ވަނީ ހިންގާފައެވެ. މިއީ ސްކޫލް ބަންދާއި ދިމާކޮށް އެމްއެމްއައިން ކުރިއަށްގެންދިޔަ މިފަދަ ދެވަނަ ހަރަކާތެވެ. މިއަހަރުގެ ހަރަކާތުގައި 227 ކުދިން ވަނީ ދަސްވެނިވެފައެވެ.