ޚަބަރު

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ - އޮޑިޓް ރިޕޯޓް


މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114،128،300 (އެއް ސަތޭކަ ސާދަ މިލިއަން އެއްސަތޭކަ އަށާވީސް ހާސް ތިން ސަތޭކަ) މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރެފައިވާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ މިދިޔަ އަހަރުގެ ކޮންޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 1990 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ގެ ނިޔަލަށް، 1166 (އެއް ހާސް އެއްސަތޭކަ ފަސްދޮޅަސް ހަ) ދަރިވަރަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ވަނީ ލޯނު ދޫކޮށްފައެވެ.

ލޯނުގެ ގޮތުގައި ޖުމްލަ 140،089،935( އެއް ސަތޭކަ ސާޅިސް މިލިއަން އަށްޑިހަ ނުވަ ހާސް ނުވަ ސަތޭކަ ތިރީސް ފަސް) ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 114،128،300 (އެއްސަތޭކަ ސާދަ މިލިއަން އެއްސަތޭކަ އަށާވީސް ހާސް ތިންސަތޭކަ) ރުފިޔާ ލިބިފައިނުވާކަމަށް ކަމަށާއި އެ ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި އޭގެ ހިސާބުތައް ބަލަހައްޓާފައި ނެތުމުން ލިބެންޖެހޭ ފައިސާ އާއި ފައިސާ ނުދައްކާ ހޭދަވި މުއްދަތު ފަދަ މުހިންމު މައުލޫމާތު ކަށަވަރު ނުކުރެވޭ ކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

އެގޮތުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށްވެސް އެ ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.

ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް މަތީ ތައުލީމަށް1،396،199،973 (އެއް ބިލިޔަން ތިން ސަތޭކަ ނުވަދިހަ ހަ މިލިއަން އެއް ސަތޭކަ ނުވަދިހަ ނުވަ ހާސް ނުވަ ސަތޭކަ ހިތްދިހަ ތިނެއް) ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ވަނީދޫކޮށްފައެވެ. އެ ލޯނުތައް އަނބުރާ ދައްކަން ފަށަންޖެހޭ މުއްދަތަށް ފަހު ޤަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުތަކުގެ ގޮތުގައި40،450،081( ސާޅީސް މިލިއަން ހަތަރު ސަތޭކަ ފަންސާސް ހަސް އަށްޑިހަ އެކެއް) ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އަދި ލޯން ސްކީމް ފޯރ އެޑިއުކޭޝަނަލް އެސިސްޓެންސްގެ ދަށުން 11،388،507 (އެގާރަ މިލިއަން ތިން ސަތޭކަ އަށްޑިހަ އަށް ހާސް ފަސް ސަތޭކަ ހަތެއް )ރުފިޔާ މިދިޔަ އަހަރުގެ ވަނީ ދޫކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 3،472،800 (ތިން މިލިއަން ހަތަރު ސަތޭކަ ހަތްދިހަ ދެ ހާސް އަށް ސަތޭކަ) ރުފިޔާ ނުދައްކާހުރިކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބޭންކް އޮފް ސިލޯން މެދުވެރިކޮށް މަތީ ތައުލީމަށް 85 ދަރިވަރަކަށް 7،133،493 (ހަތް މިލިއަން އެއް ސަތޭކަ ތިރީސް ތިން ހާސް ހަތަރު ސަތޭކަ ނުވަދިހަ ތިނެއް ) ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 64 ދަރިވަރެއްގެ ލޯނަށް 4،830968 (ހަތަރު މިލިއަން އަށް ސަތޭކަ ތިރީސް ހާސް ނުވަ ސަތޭކަ ފަސްދޮޅަަސް އަށެއް) ރުފިޔާ ނުލިބި ހުރި ކަންވެެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ވޯލްޑް ބޭންކުގެ އެހިގައި ކިޔަވާފައިވާ ދަރިވަރުންނަށް ކޮށްފައިވާ ޚަރަދުގެ ތެރެއިން ދަޢުލަތަށް އަނބުރާ ދައްކާ ފައިސާ ޖަމާކުރާ އެކައުންޓުގައި މިދިޔަ އހަރުގެ ނިޔަލަށް ހަތް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހުރިކަންވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.