ޚަބަރު

ޢިލްމީ ދިރާސާތައްކުރުމުގެ ކަންކަން ބެލެހެއްޓުމަށް ކައުންސިލެއް އުފައްދަނީ


ޢިލްމީ ދިރާސާތައްކުރުމުގެ ކަންކަން ބެލެހެއްޓުމަށް ނެޝަނަލް ރިސަރޗް ކައުންސިލުގެ ނަމުގައި ކައުންސިލެއް އުުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މަތީ ތަޢުލީމާއި ބެހޭ ބިލުގައެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ މި ބިލުގައިވާ ގޮތުން ޢިލްމީ ދިރާސާތައް ކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، ނެޝަނަލް ރިސަރޗް ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންޖެހެއެވެ. އަދި ނެޝަނަލް ރިސަރޗް ކައުންސިލް ޖަވާބުދާރީ ވާނީ މިނިސްޓަރަށްކަމަށް ބިލުގައިވެއެވެ.

ނެޝަނަލް ރިސަރޗް ކައުންސިލުގެ މަސައްކަތްތަކުގެ ތެރޭގައި ސައިންސާއި ރިސަރޗްގެ އަލީގައި މަތީ ތަޢުލީމު ކުރިއެރުވުމުގެ ސްޓްރެޓެޖީ އެކުލަވާލުމާއި، ރިސަރޗް ތަރައްޤީކުރުމުގައި އިސްކަންދިނުން ހިމެނެއެވެ. އަދި ރިސަރޗްގެ ދާއިރާއާގުޅޭ ކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމާއި، ރާއްޖޭގެ ރިސަރޗް ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުންވެސް އެ ކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން ރިސަރޗް މަސައްކަތްތައް ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުމަކީވެސް ރިސަރޗް ކައުންސިލްގެ ޒިންމާތަކުގައި ހިމެނޭ ކަންކަމެވެ.

ބިލުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކިޔަވާކުދިންނާއި، ކިޔަވައިދޭ މީހުންނާއި، ސައިންޓިސްޓުންނާއި، ރިސަރޗްކުރާ މީހުންގެ މަސައްކަތްތަކަށް އެހީތެރިވުމަކީވެސް ރިސަރޗް ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ސަރުކާރުން ހުށަހަޅާފައިވާ މަތީ ތަޢުލީމާބެހޭ ބިލުގެ މަޤްޞަދުގެތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ބަޔާންކުރުމާއި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމާއި، މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް ބެލެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.