ޚަބަރު

އެހީ ބޭނުންވާ ސްކޫލްކުދިންނަށް ތަކެތި ހޯދުމަށް "މޮމްސް"އިން ޚާއްސަ ކެމްޕެއިނެއް.


އާ އަހަރާއިއެކު ބަދަލުވަނީ ހަމައެކަނި ގްރޭޑެއް ނޫނެވެ. އާ ފޮތްތަކާއި، ޔުނީފޯމާއި، ދަބަހާ އާ ބޫޓަށް އަރާލުމަކީވެސް ކޮންމެ ކުއްޖަކުވެސް އާ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލަށް ދާއިރު އުންމީދުުކުރާ ކަމެކެވެ.

ފޮތްތައް ސަރުކާރުންގެ އެހީގައި ހިލޭ ފޯރުކޮށްދިންނަމަވެސް، ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ބެލެނިވެރިން ބޮޑު ޚަރަދެއް ކުރަންޖެހެއެވެ.
ކޮންމެ އަހަރަކަށް ޔުނިފޯމާއި ބޫޓު އާ ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ފޯރުންތެރިކަން ހުންނަ ކަމެއް ނޫނެވެ.

މިފަދަ އާއިލާތަކާއި ދަރިވަރުންނަށް އެހީވުމަށް އަމިއްލަ ޖަމިއްޔާއެއްކަމަށްވާ "މަމްސް" އެންޖީއޯއާއި، "އެހީ ޖަމިއްޔާ"ގުޅިގެންވަނީ ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. "މަމްސް"ގެ މި ކެމްޕެއިނުގައު ސްކޫލް ތަކެތި ގަތުމުގައި އެހީ ބޭނުންވެގެން 40އަށްވުރެ ގިނަ އާއިލާއިންވަނީ އެދިފައެވެ.

މީގެތެރޭގައި 140 ކުދިން ހިމެނެއެވެ. އެހީ ބޭނުންވާ އާއިލާތައް ހޯދާފައިވަނީ އެކި އަތޮޅުތަކުގައި ތިބި މޮމްސް އެންޖީއޯގެ 60 ކޯޑިނޭޓަރުންގެ އެހީއާއިއެކުގައެވެ.

ސްކޫލް ސާމާނު ބޭނުންވާ ދަރިވަރުންގެ ތެރޭގައި ނާސަރީއިން ފެށިގެން ގްރޭޑް 11އަށް ކިޔަވާ ކުދިން ހިމެނެއެވެ. އެއީ ޕްރީ ސްކޫލް 33 ދަރިވަރުން، ޕްރައިމަރީ ގްރޭޑް 86 ދަރިވަރުން، ސެކަންޑްރީ ގްރޭޑް 20 ދަރިވަރުން އަދި ގްރޭޑް 11އަށް ކިޔަވާ 1 ދަރިވަރެވެ.
140 ކުދިންގެ ތެރޭގައި ހިމެނެނީ 71 އަންހެން ކުދިންނާއި 69 ފިރިހެން ކުދިންނެވެ.
މީގެތެރޭގައި އެކި އަތޮޅުތަކުގެ ސްކޫލްތަކަށް ނިސްބަތްވާ ކުދިން ހިމެނެއެވެ.

"މަމްސް" އެންޖީއޯއާއިއެކު ކެމްޕެއިންގައި މަސައްކަތްކުރާ އެހީ ޖަމިއްޔާއިން ބުނެފައިވަނީ މި ކެމްޕެއިންގެ ތެރެއިން މިވަގުތު މަސައްކަތް ކުރަނީ 140 ކުދިން ސޫލަށް ދިއުމަށް ބޭނުންވާ ތަކެތި ހަމަޖެއްސުމަށްކަމަށެވެ. އެހީ ދިނުމުގައި ލުއިފަސޭހަ ކުރުމަށް މަމްސް އެންޖީއޯއިންވަނީ ސްކޫލް ކިޓްގެ 4 ޕެކޭޖެއްވެސް ހަދާފައެވެ.

މި ޕެކޭޖުތަކުގައި ހިމެނެނީ ސްކޫލް ރަސްމީ ޔުނިފޯމާއި، އެކްތިވިޓީ ޔުނިފޯމާއި، ދަބަހާއި ބޫޓެކެވެ.

  • ކިންޑަރގަރޓްން ބޭސިކް ޕެކޭޖް: 1200ރުފިޔާ.
  • ކިންޑަރގަރޓްން ފުލް ޕެކޭޖް: 1900ރުފިޔާ. މި ޕެކޭޖްގައި އިތުރު ރަސްމީ ޔުނިފޯމަކާއި ކުޅިވަރު ބޫޓެއްވެސް ހިމެނެއެވެ.
  • ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑް ބޭސިކް ޕެކޭޖް: 1550 ރުފިޔާ.
  • ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑް ފުލް ޕެކޭޖް: 2500ރުފިޔާ. މި ޕެކޭޖްގައި އިތުރު ރަސްމީ ޔުނިފޯމަކާއި ކުޅިވަރު ބޫޓެއްވެސް ހިމެނެއެވެ.

މި ކެމްޕެއިންގެ ޢަމާޒަކީ ކޮންމެ ކުއްޖަކަށްވެސް މިއިން ޕެކޭޖެއް ހަދިޔާކުރުމެވެ. މި ކެމްޕެއިންގައި އެހީވުމުގެ ފުރުސަތުވަނީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައެވެ.
މާލީ އެހީދޭން ބޭނުންވާ ފަރާތްތަކުން މަމްސްގެ ބީއެމްއެލް އެކައުންޓް 7730000294482އަށް އެހީ ފޮނުވޭނެއެވެ. މީގެއިތުރުން ތަކިތި ހަދިޔާކުރުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.

އެހީ ޖަމިއްޔާއިން ބުނެފައިވަނީ އެހީ ބޭނުންވެގެން އިތުރު ފަރާތްތައްވެސް އެދެމުންދާކަމަށެވެ. މި ކެމްޕެއިނުން އެހީ ލިބެމުން އަންނަ މިންވަރަށް ބަލައި އިތުރު ފަރާތްތަކަށްވެސް އެހީ ފޯރުކޮށްދޭނެކަމަށް ޖަމިއްޔާއިންވަނީ ބުނެފައެވެ.

މަމްސްއާއި އެހީ ޖަމިއްޔާއިން ބޭނުންވަނީ މިމަހުގެ 15ގެ ކުދިން މި ތަކެތި ހަމަކުރުމަށެވެ.