ޚަބަރު

ތިންވަނަ އައްޑޫ މެރަތަން ނިންމާލައިފި


އައިރަނާސް އިންތިޒާމު ކޮށްގެން ބާއްވާ ތިންވަނަ އައްޑޫ މެރަތަން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ. މިއީ އައިރަނާސް އިން ރާއްޖޭގެ އުތުރުން ދެކުނަށް ކުރިއަށް ގެންދާ ޓްރެވެލް މެރަތަން ސީރީސްގެ އެންމެ ފަހު ޙަރަކާތްވެސް މެއެވެ.

މި މެރަތަން ޙަރަކާތް ނިންމާލާފައި ވަނީ 3 ދުވަސް މަތިން މެރަތަން ބޭއްވުމަށްފަހު އެވެ. މިފަހަރުގެ މެރަތަންގައި އެންމެ ޚާއްޞަ ޙަރަކާތެއްގެ ގޮތުގައި ފެނިގެން ދިޔައީ 100 ކިލޯމީޓަރުގެ އަލްޓްރާ މެރަތަން އެވެ. އަލްޓްރާ މެރަތަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ހަވީރުއެވެ. މައިގަނޑު މެރަތަން ޙަރަކާތްތަށް ކުރިއަށް ދިޔައީ 6 ވަނަ ދުވަހުއެވެ. މެރަތަންގެ ކުޑަކުދިންގެ ބައި 7 ވަނަ ދުވަހު ހަވީރު ވަނީ ބާއްވާފައެވެ.

ޖުމްލަ 5 ދުވުންތެރިން ބައިވެރިވި 100 ކިލޯމީޓަރުގެ މި ދުވުން އެންމެ އަވަހަށް ނިންމާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ލާލް ބަހާދުރުއެވެ. އޭނާ މިދުވުން ނިންމާފައިވަނީ 10 ގަޑިއިރާއި 54 މިނެޓުންނެވެ. ދެވަނައަށް މިރޭސް ނިންމީ މަޝްހޫރު އެތްލީޓް އަޙްމަދު އާތިފް (ތިއްޕެ) އެވެ.

މިރޭހުގައި މިފަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮލް ރޯސްލާ ވަނީ 10 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އެކްސިޑެންޓެއްގައި އަނިޔާވި އުމަރު ސަލީމް (އޮއްތޮ) ވަނީ މަގުމަތީގެ ސަލާމަތާއި ބެހޭ ގޮތުން ހޭލުން ތެރި ކުރުމަށް މެރަތަން ޙަރަކާތުގައި ބައިވެރިވެފައެވެ.

މިހަރަކާތް ނިންމާލުމަށް ފަހު މެރަތަން ރޭސް ޑައިރެކްޓަރ އަދި ކޯޗު ޝުޖާއު ވިދދާޅުވީ، މިފަހަރުގެ ޙަރަކާތުގެ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ މުޖްތަމަޢުގެ ބައިވެރިވުން ބޮޑު ޙަރަކާތެއްގެ ގޮތުގަ އި ފާހަގަ ވެފައިވާ ކަމަށެވެ. އަދި މިއީ މިފަދަ ޙަރަކާތެއް ކާމިޔާބު ކަން ދައްކުވައިދޭ ކަމެއް ކަން އޭނާ ފާހަގަ ކުރިއެވެ.

އައްޑޫ މެރަތަން މިފަހަރު ކުރިއަށް ގެންދިޔަ އިރު މުޅި ޖުމްލަ 600 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ. މިޙަރަކާތުގައި ދުވުން ތެރިން މައިގަނޑު ގޮތެއްގައި ދުވެފައިވަނީ، ހިތަދޫގެ ބޮޑު މަގުންނާއި، އެސިޓީގެ ގުޅިފައިވާ ރައްތަކުގެ ތެރެއިން ލިންކްރޯޑުންނެވެ. އައިރަނާސް އިން ބުނީ ، މިފަހަރު ދުވާ ފަރާތްތަކަށް ހުރިހާ ގޮތަކުން އައްޑޫގެ ރީތި މަންޒަރު ފެންނަ ގޮތަށް ރާވާފައިވާ ކަމަށެވެ.

މިދުވުމުގައި މައިގަނޑު ގޮތެއްގައި 6 ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އެއީ ކިޑްސްމައިލް ރަން، އަލްޓްރާ މެރަތަން، ފުލްމެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރއާއި 5 ކިލޯމީޓަރުގެ ފަން ރަން އެވެ.