ޚަބަރު

ކޮންމެ މަހަކު 600 ސައިކަލު ރަޖިސްޓްރީ ކުރޭ! ޕާކުކުރާނީ ކޮންތާކު؟


މާލޭގައި ދުއްވުމަށް ކޮންމެ މަހަކު ހަ ސަތޭކައެއްހައި ސައިކަލު ރަޖިސްޓްރީ ކުރެއެވެ. މަގުތަކުގައި ދުއްވާ އުޅަނދު ތޮއްޖެހުމަކީ މާލެއަށް ބޮޑު މައްސަލައަކަށް ވެފައިވާއިރު، މި މިންވަރަށް މާލެއަށް ވެހިކަލްތައް އިތުރުވާނަމަ މިއީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަތަކަށް ދުވަހަކުވެސް ހައްލެއް ގެނެވިދާނެ ކަމެއްބާއޭ މިއީ އުފެދޭ ސުވާލެކެވެ.

މާލެއަށް ދިމަވެފައިވާ ޓްރެފިކް މައްސަލަތަކަށް ބަލާއިރު، އެންމެބޮޑުކަމަކީ ޕާކިން މައްސަލައެވެ. އެއްގަމު އުޅަނދު ޕާކު ނުކުރެވޭ އެއްވެސް މަގެއް މާލޭގައި ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ޤަވާޢިދާ ޚިލާފަށް ފާކުކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. ޕާކުކުރެވޭނެ އެކަށީގެންވާ ޖާގައެއްވެސް އަދި އެފަދަ އިންތިޒާމެއް މާލެއަކު ނެތެވެ. މިކަން ޙައްލުކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ވެހިކަލް ތޮއްޖެހުމުގެ ދަތިކަން ދިމާނުވާ ހަމަ އެންމެ ރައްޔިތެއްވެސް މާލޭގައި ނޫޅޭނެއެވެ. މާލޭގައި މިހާރުވެސް 64000 އަށްވުރެ ގިނަ ސައިކަލު ރަޖިސްޓަރީކޮށްފައިވެއެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދާއި ހެވީ ވެހިކަލްގެ ގޮތުގައި 8000 އަށްވުރެ ގިނަ ވެހިކަލް ރެޖިސްޓަރކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މަހެއްގެ މައްޗައް މާލޭގައި ދުއްވުމަށް 600 އެއްހައި ސައިކަލު އެބަ ރެޖިސްޓަރ ކުރެއެވެ. އަހަރަކަށް ބަލާނަމަ މިއީ 7200 ސައިކަލެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އެކަކުގެ ނަންމަތީގައި 5 އަކާއި 10 އަކާ ދެމެދަށް އުޅަނދު ރެޖިސްޓަރކޮށްފައިވާ ފަރާތްތައްވެސް އެބަތިއްބެވެ. މީގެރޭގައި ގަރާޖުގެ ހުއްދަ ނެތް މީހުންވެސް ހިމެނެއެވެ. އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް އުޅަނދު ރެޖިސްޓަރ ކުރުމުގެ ހުއްދަ ދޫކުރުމަކީ ސިޓީ ކައުންސިލްގެވެސް ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

މިކަމަށް ޙައްލެއް ހޯދުމަށް މާލޭގައި ދުއްވާ ވެހިކަލް ލިމިޓް ކުރުމަށް ސިޓީ ކައުންސިލުންވަނީ ޓްރާނސްޕޯޓް މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ. މި ހުށައެޅުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި މާލޭ ސިޓީގައި ދުއްވޭނެ ވެހިކަލްގެ ޢަދަދާއި، ބާވަތާއި ވެހިކަލްގެ ޢުމުރު ކަނޑައިދިނުމަށްވަނީ އެދިފައެވެ.

މާލޭގައި ހުސްކޮށް ހުރި ގިނަ ޖާގަވެސް ތަރައްޤީ ކުރަމުންދަނީ އުޅަނދު ޕާކިންގ އޭރިއާތަކުގެ ގޮތުގައެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި 10 ޕާކިންގ އޭރިއާވަނީ ޤާއިމުކޮށްފައެވެ. އެހެންނަމަވެސް ސައިކަލް ރެޖިސްޓްރީކުރާ މިންވަރަށް ބަލާއިރު މިއީ އެކަށީގެންވާ މިންވަރަކަށް ނުވެއެވެ.

މާލޭގެ މަގުތަކުގެ ބޮޑު އިންސައްތައެއް ޚާއްސަކޮށްފައި ވަނީވެސް ވެހިކަލް ޕާކުކުރުމަށެވެ. އެގޮތުން އުޅަނދުތައް ދުއްވުމަށް މަގުތަކުގެ %45 ޚާއްސަކޮށްފައިވާއިރު، މަގުތަކުގެ %52އަކީ އުޅަނދުތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދުތަކެވެ. ހިނގާމީހުންނަށް އޮތީ މަގުގެ އެންމެ %3އެވެ.

ސިޓީކައުންސިލުންދަނީ މާލޭގެ އެހެން އިތުރު 11 ސަރަޙައްދެއްގައިވެސް ޕާކިންގ ޒޯންތައް ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި އިންޑަސްޓްރިއަލް ޒޯންގައި ހަތަރުފުރޮޅުލީ 78 ވެހިކަލް ޕާކު ކުރެވޭނެ ޒޯނެއް ހެދުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.

މަގުތަކަށް ލުޔެއް ގެނައުމަށް މީގެކުރިންވަނީ ޤަވައިދާއި ޚިލާފައި މާލޭގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތްވެސްކޮށްފައެވެ. އަދި ބާވެ މަގުމަތީގައި ހަލާކުވެފައިވައިހުރި އުޅަނަދުތައްވެސްދަނީ ނަގަމުންނެވެ.

ޕާކިންގ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގައި ޕާކިންގ ޢިމާރާތްތަކެއް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ނިންމާފައެވެ. ނަމަވެސް ލިމިޓްކުރުމެއްނެތި އުޅަނދު އިތުރުވަމުންދާ ރޭޓަށް ބަލާނަމް މިއީ ދުވަހަކުވެސް އެކަށީގެންވާ ޙައްލަކަށް ވެދާނެ މައްސަލައަކަށް ވާނެތޯ؟ މިއީ އުފެދޭ ސުވާލެކެވެ.