ޚަބަރު

ސައުތް އޭޝިއަން ގޭމްސް: އަންހެން ފުޓްބޯޅަ ޓީމަށް އިތުރު ކާމިޔާބީތަށް އަދިވެސް ހޯދޭނެ - ކެޕްޓަން ޝާލިޔާ


ލޯ މެޑަލް ލިބުމުގެ އިތުރަށް ސްރީލަންކާ ބަލިކުރެވުމަކީވެސް ލިބުނު ކުރިއެރުމެއްކަަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން އާމިނަތު ޝާލިޔާ ބުނެފިއެވެ.

ސައުތް އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަކުރިއަށް ގެންގޮސްފައިވަނީ ހަތަރު ޓީމްގެ މެދުގައި ލީގް އުސޫލް ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމް ތިންވަނަ ހޮވާ މެޗްގައި ވާދަކުރާ ގޮތަށެވެ. އަންހެން ފުޓްބޯޅައިގެ ފައިނަލުން ޖާގަ ހޯދާފައިވަނީ އިންޑިޔާ އާއި ނޭޕާލްއެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗްގައި ދިވެހިރާއްޖެއިންވަނީ ސްރީލަންކާގެ މައްޗަށް ކުރި ހޯދާ ލޯ މެޑަލް ހޯދާފައެވެ. މެޗްގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާއެވެ.

ޤައުމީ އަންހެން ޓީމްގެ ކެޕްޓަން އާމިނަތު ޝަލިޔާ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. ރާއްޖޭގައި އަންހެން ފުޓްބޯޅައަކީ އެހާ މަގްބޫލް ކުޅިވަރަކަށް ނުވާއިރު، ޓީމްގެ ގިނަ ކުޅުންތެރިން ފުޓްބޯޅަ ކުޅެމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކުގައިކަން އޭނާ ފާހަގަކުރިއެވެ.

ޝާލިޔާ ބުނީ ސްރީލަންކާ ފަދަ އާބަދީ ގޮތުން ބޮޑު އަދި ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން ހޮވާލެވުނު ގައުމީ އަންހެން ޓީމް ބަލިކުރެވުމަކީވެސް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްއަށް ލިބުނު ކާމިޔާބީއެއްކަމަށެވެ. އަދި މަޑުމަޑުން ދިވެހި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ހޯދަމުންދާ ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަންވެސް ކެޕްޓަން ޝާލިޔާވަނީ ފާހަގަކޮށްފައެވެ.

މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އިންޑިޔާ އަދި ނޭޕާލްއަށްފަހު ސްރީލަންކާއަކީ އަންހެން ފުޓްބޯޅަ ކުޅެމުން އަންނަތާ އެތަށް އަހަރެއްވެފައިވާ ގައުމެއްކަމަށާއި، ދިވެހި ޓީމް މިހާރު އޮތް ހާލަތަށް ބަލާއިރު ރަން މެޑަލް ހޯދުން އޮތީ މާ ދުރުގައި ނޫންކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިޔާ އަދި ނޭޕާލް މެޗްގައިވެސް ރާއްޖޭގެ އަންހެން ޓީމުން ރަނގަޅު ކުޅުމެއް ދެއްކިކަމަށާއި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އިންޑިޔާ އަދި ނޭޕާލް ޓީމުންވެސް ރާއްޖޭގެ ކޮޅަށް ޖެހި ގޯލްގެ އަދަދު މަދުކުރެވިފައިވާކަމަށް ޝާލިޔާ ފާހަގަކުރިއެވެ. އަދި ރަނގަޅު ތަމްރީންތަކާއި އެކު ކުރިއަށްދާނަމަ، މިއަަށް ވުރެއްވެސް ބޮޑު ކާމިޔާބީއެއް ހޯދޭނެކަމަށް ކެޕްޓަން ޝާލިޔާ ބުންޏެވެ. 

"މިއަށްވުރެއްސް ކުރިއަށް ދެވިދާނެ. ރާއްޖޭގެ ޓީމްއަށް ބޭނުންވަނީ ރަގަނޅު ތަމްރީންތަކެއްކަން ފާހަގަކޮށްލެވޭ. މިއަށް ވުރެއްވެސް ރަގަނޅު ކާމިޔާބީތަކެއް ހޯދޭނެ. ރަގަނޅު ތަމްރީންތަކާއެކު އިންޑިޔާ އަދި ނޭޕާލްވެސް ބަލިކުރެވޭނެ. އެއީ ބަލިނުކުރެވޭ ވަރުގެ ޓީމްތަކެއް ނޫން. އަންހެން ޓީމްއަށް ބޭނުންވަނީ ރަގަނޅު ތަމްރީންއާއި ތަޖްރިބާ ހޯދަން މެޗްތަކެއް. ނޭޕާލްގެ ފިނީގައި ކުޅުންތެރިން ކުޅެފައިވަނީ ވަރަށް އުދަގުލުގައި. ގިނަ ކުދިން ސްރީލަންކާ މެޗްއަށް އެރިއިރުވެސް ހުރީ ރޯގާ ޖެހިފަ. ނޭޕާލް ފިނި ވީމަ، ނޭވާލާންވެސް އުދަގޫވޭ. މެޗްގައިވެއް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު. ނަމަވެސް މިހުރިހާކަމެއް ހުއްޓާވެސް ރާއްޖޭގެ ކުޅުންތެރިން ސްރީލަންކާ މެޗުން މޮޅުވެ، ލޯ މެޑަލް އެއް ހޯދުން ވަރަށް އުފާވޭ." ކެޕްޓަން އާމިނަތު ޝާލިޔާ ބުންޏެވެ.

މިއަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދުމަކީ މިހާތަނަށް ގައުމީ އަންހެން ޓީމަށް ގޭމްސްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. 2016ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްގައި އަންހެން ޓީމް ވާދަކުރިއެވެ. އަދި މިދިޔަ އަހަރު ސިންގަޕޫރުގައި އޮތް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމުވެސް ރާއްޖޭގެ ގައުމީ އަންހެން ޓީމްވަނީ ހޯދާފައެވެ.