ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަރުމަނުގެ ނޫސްވެރިން ރާއްޖެއަށް


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަރުމަނުވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ޖަރުމަނުވިލާތުން ރާއްޖެއަށް ނޫސްވެރިންގެ ޓީމެއް ޒިޔާރަތްކޮށްފައިވާއިރު، މިއީ އެމް.އެމް.ޕީ.އާރުސީން ފެމިލިއަރައިޒޭޝަން ޓްރިޕްގެ ތެރެއިން ރާއްޖެ ގެނައި 20 ވަނަ ނޫސްވެރިންގެ ޓީމެވެ. އަދި ޖަރުމަންވިލާތުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ 3 ވަނަ ފެމިލިއަރައިޒޭޝަން ޓެރިޕެވެ.

މި ދަތުރުގައި ބައިވެރިވި ނޫސްވެރިންނަކީ އޮސްޓްރިއާ، ސުވިޒަލެންޑް އަދި ޖަރުމަނަށް ނިސްބަތްވާ ނޫސްތަކަށް ލިޔާ އިސް ލިޔުންތެރިންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގައި ނޫސްވެރިން ތިބުމަށް ހަމަޖެހިފައިވަނީ މި އަހަރު އަލަށް ހުޅުވި 3 ރިސޯޓެއްގައެވެ. އެއީ ޔޫ އެންޑް މީ ބައި ކޮންކޫން މޯލްޑިވްސް، ރެސިޑެންސް މޯލްޑިވްސް ދިގުރަށް އަދި ޕުލްމަން މާމުތާއެވެ.

މި ރިސޯޓުތަކުން ފޭމް ޓްރިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މި ރިސޯޓްތަކުގެ ތަފާތު ރެސްޓޯރެންޓްތަކުގެ ރަހަ ތަޖުރިބާ ކުރުމާއި "ޑޮލްފިން ކްރޫޒް" އަދި މި ރިސޯޓްތަކުގެ ޚާއްސަ ސްޕާ ޓްރީޓްމެންޓްތައްވެސް ތަޖުރިބާ ކުރުން ހިމެނެއެވެ.

އެމް.އެމް.ޕީ.އާރުސީން ވަނީ ޖަރުމަނުވިލާތަށް ޚާއްސަކޮށްގެން ތަފާތު މާކެޓިންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ބޫޓް ޑުސަލްޑޯފް ފެއާރ، އައި.ޓީ.ބީ ބާރލިން އަދި ޒިއުރިކްގެ ފެސްޕޯ ފެއާރ ހިމެނެއެވެ. އަދި މިސަރަޙައްދަށް ޚާއްސަކޮށްގެން ރޯޑް ޝޯއެއްވެސް ވަނީ މިއަހަރުތެރޭގައި ބާއްވާފައެވެ.

ރާއްޖެއަމް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު ޖަރުމަނުވިލާތަކީ 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމެވެ. އެގޮތުން ޖަރުމަނުވިލާތް، އޮސްޓްރިއާ އަދި ސްވިޒަލެންޑުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއްލައްކަ ފަންސާސް އެއްހާސް ހަތަރުސަތޭކަ ސާދަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.