ޚަބަރު

ޕްރޮސިކިއުޓާ ޖެނަރަލްގެ މަޤާމަށް ޝަމީމް އައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމް އައްޔަން ކުރައްވައިފިއެވެ.

ރައީސް ޞާލިޙް ޕްރޮސެކިއުޓާ ޖެނަރަލްގެ މަޤާމުގެ ފަތްކޮޅު ޝަމީމަށް އަރުއްވާފައި ވަނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަަސްމިޔާތުގައެވެ. ޝަމީމަށް މަޤާމުގެ ހުވާ ލާ ލެއްވީ ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ.އަޒްމިރާލްދާ ޒާހިރުއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހާއި ޕީޖީ އޮފީހުގައިވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝަމީމުވަނީ އިނގިރޭސިވިލާތުން ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާ އިން މާސްޓާސް ހާސިލު ކުރައްވާފައެވެ. އަދި ޝަރީއާ އެންޑް ލޯގެ ދާއިރާން ބެޗްލަރސް އޮފް އާޓްސް ވެސް ހާސިލުކުރައްވާފައެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުން ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ޝަމީމުވަނީ ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނަރަލްގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި ޝަމީމުވަނީ ޖަލުގައި އެއްވެސް ހުކުމެއްނެތި ތިބި އެތައްބަޔެއްގެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލުތަކެއް އަންނަންޖެހޭކަމަށް ވިދާޅުވެ ތަކުރާރުކޮށް ވަކާލާތުވެސް ކުރައްވާފައެވެ.

ޝަމީމްވަނީ އޭނާއާއި ޖުޑީޝަރީ ކޮމިޓީން ކުރެއްވި އިންޓްވިއުގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަން އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންފުޅުވާތީކަމަށް ވިދާޅުވެފައެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޝަމީމް އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.