ވިޔަފާރި

އަރަމްކޯއިން ޙިއްސާ ވިއްކައިގެން ރެކޯޑެއް ހަދައިފި


ސަޢުދީ ޢަރަބިއާގެ ޤައުމީ ތެޔޮ ކުންފުނި، އަރަމްކޯއިން ޙިއްސާ ވިއްކައިގެން ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ.

އަރަމްކޯގެ ހިއްސާ ގަތުމަށް ހުޅުވާލި ފުރުޞަތުގައި އެކުންފުނީގެ 1.5 އިންސައްތަ ހިއްސާ ނުވަތަ 3 ބިލިއަން ޙިއްސާ ވިއްކާފައިވަނީ ޙިއްސާއެއް 32 ރިޔާލު ނުވަތަ 8.53 ޑޮލަރަށެވެ. އެ ރޭޓުގައި ހިއްސާ ވިއްކައިގެން އެކުންފުންޏަށް ވަނީ 25.6 ބިލިއަން ޑޮލަރު ލިބިފައެވެ. އެއާއެކު އަރަމްކޯ ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އިނީޝިއަލް ޕަބްލިކް އޮފަރިން ނުވަތަ އައިޕީއޯއަށެވެ. މީގެ ކުރިން މިރެކޯޑް އޮތީ ޗައިނާގެ އަލީބާބާ ކުންފުނީގެ އަތުގައެވެ. އެކުންފުނިން ހިއްސާ ވިއްކުމަށް 2014 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ހިއްސާ ވިއްކައިގެން 25 ބިލިއަން ޑޮލަރު ހޯދިއެވެ.

އަރަމްކޯއިން އެންމެ ބޮޑު އައިޕީއޯގެ ރެކޯޑް މުގުރާލާފައިވާއިރު، އެކުންފުނިން މިހާރު ވަނީ މަޝްހޫރު އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށްފަހު ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އެންމެ އަގުބޮޑު ކުންފުނީގެ ޝަރަފުވެސް ހޯދާފައެވެ. ހިއްސާ ވިއްކި ރޭޓަށް ބަލާނަމަ އަރަމްކޯގެ އަގަކީ 1.7 ޓްރިލިއަން ޑޮލަރެވެ. އެޕަލް ކުންފުނީގެ އަގަކީ 1.15 ޓްރިލިއަން ޑޮލަރެވެ.

ސައުދީގެ ތެޔޮ ކުންފުނީގެ ހިއްސާ ވިއްކުމަށް ނިންމީ އެޤައުމުގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންގެ ގެންގުޅުއްވާ ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ޕްލޭންގެ ދަށުންނެވެ. އެ ޕްލޭންގެ ދަށުން ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވުން ކުޑަކޮށް، އިތުރު ދާއިރާތަކުން އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. އަރަމްކޯގެ ހިއްސާ ވިއްކައިގެން ލިބޭ އާމްދަނީއަކީވެސް މިކަންކަމަށް އިންވެސްޓްކުރާނެ ފައިސާކަމަށް ޚަބަރުތައް ބުނެއެވެ.