ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ފުޓުބޯޅަ ޓީމަށް ލޯ މެޑަލާއެކު މުބާރާތުގެ ޓާގެޓް ހާސިލްވެއްޖެ


އަންހެނުންގެ ފުޓްބޯޅައިން ސައުތު އޭޝިއަން ގޭމްސަށް އެފްއޭއެމުން ކަނޑައެޅި ޓާގެޓް ލޯ މެޑަލާއެކު ހާސިލްވެއްޖެ ކަމަށް އަންހެނުންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ބުނެފިއެވެ.

ސައުތް އޭޝިއަން ގޭމްސްގައި އަންހެނުންގެ ފުޓުބޯޅަ ކުރިއަށް ގެންދިޔައީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ތިންވަނަ ހޮވާ މެޗްގައި ވާދަކުރާ ގޮތަށެވެ. އަންހެން ފުޓްބޯޅައިގެ ފައިނަލުން ޖާގަ ހޯދީ އިންޑިއާ އާއި ނޭޕާލެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗްގައި ދިވެހި ޓީމުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދާ ލޯ މެޑަލް ހޯދީ 2 ލަނޑު 1 ލަނޑުން 3ވަނަ ހޮވާ މެޗު ކާމިޔާބު ކޮށްގެނެވެ. މެޗްގައި ރާއްޖޭގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާމިނަތު ޝާމިލާ އާއި އާއިޝަތު ފިރުޝާއެވެ. މެޗަށްފަހު ވާހަކަދައްކަމުން ކޯޗް އަޙްމަދު ނާޝިދުބުނީ މިފަހަރުގެ ގޭމްސަށް ޓީމު ކުރިމަތިލީވެސް ލޯ މެޑަލަކަށް އަމާޒުކޮށްގެން ކަމަށެވެ.

“މިފަހަރުގެ މުބާރާތުގައި ދިވެހި ކުޅުންތެރިން ކުޅުން ރަނގަޅުކަމަށް އަޅުގަނޑު ގަބޫލް ކުރަން. މީގެ ކުރިން އިންޑިޔާ އަދި ނޭޕާލްގެ ޓީމްތަކުން ގިނަ ގޯލްތަކެއް ރާއްޖެކޮޅަށްޖަހާ. މިފަހަރު ވަނީ ރާއްޖޭގެ ކޮޅަށް ޖަހާ ގޯލްގެ އަދަދުވެސް މަދުކޮށްފަ. މިއީވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެނީ. އިންޑިއާއަށް ޖެހުނީ 5 ގޯލް، ނޭޕާލަށް ޖެހުނީ 3 ގޯލް. މިއީވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި ލަންކާއަތުން މޮޅުވެއްޖެ. ޤައުމީ ޓީމަށް ކުޅުނު އެންމެ ރަގަނޅު 4 ކުޅުންތެރިން ނުލާ މިފަހަރުގެ މުބާރާތުގައި ކުޅެ، ލޯ މެޑަލް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އަޅުގަނޑު ދެކެނީ.”އަންހެނުންގެ ޤައުމީ ޓީމުގެ ކޯޗް ނާދު ބުންޏެވެ.

އެފްއޭއެމުން މިފަހަރު އަންހެނުންގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރިން އޭވައިއެލް އަށާއި ޖޫނިއަރ ޓީމުތަަކަށް ކޯޗްކޮށްދިން އަޙްމަދު ނާޝިދު (ނާދު) އެވެ. ނަމަވެސް އަންހެނުންގެ ޓީމު މިހާ ހިސާބަށް ގެނެސްދިނުމުގައި މީގެ ކުރިން އެޓީމަށް ކޯޗްކޮށްދިން ޖަޕާންގެ ނައޯކޯ ކަވަމޯޓޯ ފާހަގަކޮށްލެވެއެވެ. ޖަޕާންގެ ނައޯކޯ ދިއުމަށްފަހު ގައުމީ ޓީމް ހަވާލްކޮށްފައިވަނީ އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބަށް ކޯޗު ކޮށްދިން މުޙައްމަދު އާތިފް (އާތީ) އާއެވެ. ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗުކަމާ ހަވާލުވުމަށް އާތިފްވަނީ އަންހެނުންގެ ޤައުމީ ޓީމްގެ ކޯޗުކަން ދޫކޮށްލާފައެވެ. އަޙްމަދު ނާޝިދާ ޤައުމީ ޓީމު ހަވާލު ކުރުމަށްފަހު އެފްއޭއެމް އަދި ނާދުގެވެސް ޓާގެޓަކަށްވީ ސައުތު އޭޝިއަން ގޭމްސުން ލޯ މެޑަލެއް ހޯދުމެވެ.