ރިޕޯޓް

މުލީއާގެއަކީ އެވޭލާ ރަސްމަތިފުށުގެ ތާރީޚު ދައްކުވައިދޭ ތަރިކައެއް، އެތަން ހިމާޔަތްކުރުމަކީ ޤައުމީ ވާޖިބެއް - ރައީސް


މުލީއާގެއަކީ އެވޭލާ ރަސްމަތިފުށުގެ ތާރީޚު ދައްކުވައިދޭ އާސާރީ ތަރިކައެއްކަމަށާއި، އެފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން، މުލީއާގެއަކީ 100 އަހަރުވެފައިވާ ތަރިކައެއްގެ ގޮތުގައި ދަފްތަރުކުރުމުގެ ހަނދާނީ ޝަރަފުގެ ހެކި އެމަނިކުފާނާއި ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގެއަކީ 100 އަހަރުވެފައިވާ ތަރިކައެއްގެ ގޮތުގައި ދަފްތަރުކުރުމުގެ ހަނދާނީ ޝަރަފުގެ ހެކި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ޝަރަފުގެ ހެކި ހަރުކުރުމަށް ޚާއްޞަކޮށްފައިވާ މޮނިއުމަންޓުގައި ހެކި ހަރުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުލީއާގެއަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ފެށިގެން މިނިވަންކަމަށް ކުރި ހަނގުރާމައާއިވެސް ގުޅިލާމެހިފައިވާ މުހިއްމު ތާރީޚީ ބިނާއެއްކަމަށެވެ. އަދި ހޮޅިންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވާ، ދިވެހިންގެ މިނިވަންކަމުގެ ދިދަ އަލުން މިނިވަންކަމާއި ޢިއްޒަތާއެކު ވިހުރުވާލެއްވި ދޮން ބަންޑާރައިންކަމަށްވާ މުލީގޭ ދޮން ޙަސަން މަނިކުފާނަށް އެގެކޮޅު ނިސްބަތްވުމީ މުލީއާގެއަށް ލިބިގެންދާ އެންމެ ބޮޑު ޝަރަފުގެގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މުލީއާގެއަކީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާގުޅިފައިވާ ސަގާފީ ތަރިކައެއްކަން ފާހަގަކުރައްވާ، މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މުލީއާގެއަކީ ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ތަނެއް. ދިވެހިރާއްޖެއަކީ މުއްސަނދި ސަގާފަތަކާއި ތާރީޚެއް އޮތް ޤައުމެއް. އަޅުގަނޑުމެން ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ އަންނަންއޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކާބަފައިން އުޅުނުގޮތާއި، ކުރި މަސައްކަތް ފޯރުކޮށްދިނުމަށްޓަކާ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުރިއަރަމުންމިދާ ދުނިޔޭގައި ތާރީޚާއި ސަޤާފަތަކީވެސް މިއަދު އިޤްތިޞާދުގެ ބައެއްކަން ފާހަގަކުރައްވާ، އެފަދަ ތަންތަނަށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ފަތުރުވެރިން އެކި ޤައުމުތަކަށް ދަތުރުކުރާ އެންމެ މުހިއްމު ބޭނުމަކީ އެ ޤައުމެއްގެ ތަރިކަ، އެ ޤައުމެއްގެ ސަގާފަތް، އެ ޤައުމެއްގެ ދިރިއުޅުންހުރިގޮތް ދެނެގަތުން. ވަކިން ޙާއްސަކޮށް މި ޖީލުގެ މީހުން ދަތުރުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއްދޭނީ އެތަނެއްގެ ސަގާފަތާއި ތަރިކަތައް ދެނެގަތުން. އެހެންކަމުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިމިވާ ވާޖިބު އަދާކުރަންއެބަޖެހޭ" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ، ޤައުމިއްޔަތު ދިރުވާއާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި ފެށިގެން މިދިޔައީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ރާއްޖޭގައި ހުރި އާސާރީ ބިނާތަކާއި، ތަންތަނާއި، އިމާރާތްތައް ދަފްތަރުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވާ، މިކަމާއިގެން ކުރިއަށްދާނެކަން ފާހަގަކުރައްވާފައެވެ.

"ސަގާފީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭގޮތުން ދާދިފަހުން އެކުލަވާލި ޤާނޫނުގައި އެފަދަ ތަންތަން ދަފްތަރުކުރުން ލާޒިމު އެބަކުރޭ. އެހެންކަމުން އެފަދަތަންތަން ފާހަގަކޮށް، ދަފްތަރުކޮށް، ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށިގެންމިދަނީ. އިރާދަކުރެއްވިއްޔާ މިކަމައިގެން އަޅުގަނޑުމެން ކުރިއަށްދާނަން" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މުލީއާގެއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ 29 ފަރާތެއްގެ އަގުވަޒަންކޮށް، އެކަމުގެ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެގެކޮޅުގައި ދިރިއުޅުއްވި ކުރީގެ ދެ ރައީސުންކަމަށްވާ ރައީސް އަލްއުޒްތާޒް މަޢުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.