ސިއްހަތު

ޑޮކްޓަރުން ތަމްރީން ކުރުމުގެ 2 ވަނަ ބުރުގެ ޖާގަ 9 ފަރާތަކަށް


ޞިއްޚީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަށް ހުޅުވާލައްވާފައިވާ ސްކޮލަޝިޕްގެ ދެވަނަ ބުރުގެ ޖާގަ 9 ފަރާތަކަށް ލިބިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝުން ވިދާޅުވެއްޖެއެވެ.ސްޕެޝަލިސްޓު ޑޮކްޓަރުން ތަމްރީން ކުރުމަށް ހުޅުވާލައްވާފައިވާ ސްކޮލަޝިޕްގެ ފުރުސަތު މިފަހަރު 12 ފަރާތަކަށް ދިނުމަށް އެ ޑިޕާޓްމަންޓުން ވަނީ ނިންމަވާފައެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝްގެ އޮފިޝަލަކު ވިދާޅުވީ، ސްޕެޝަލިސްޓު ޑޮކްޓަރުން ތަމްރީން ކުރުމަށް ހުޅުވާލެއްވި ސްކޮލަޝިޕްގެ ފުރުޞަތަށް އެދި އަށާރަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، ނަމަވެސް އޭގެތެރެއިން ސްކޮލަޝިޕް އެވޯޑްކޮށްފައި ވަނީ އެކަމަށް ޝަރުތު ހަމަވާ ނުވަ ފަރާތަކަށް ކަމަށެވެ. އަދި ބާކީއިން 3 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުގެ ނިޔަލަށް ހުޅުވާލައްވާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މިއީ އެޑިޕާޓްމަންޓުން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ.މީގެ ކުރިން މިފުރުސަތު 8 ފަރާތަކަށް ދެއްވާފައިވެއެވެ. އަދި މިފަހަރުގެ ފުރުސަތުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ އަތޮޅު ތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށްވެސް އެޑިޕާޓްމަންޓުން މައުލޫމާތުދެއްވައެވެ.ސަރުކާރުން ހަރަދުކުރާ ގޮތަށް ހިންގާ މިސްކޮލަޝިޕްގެ ޕްރޮގްރާމްގެ ދަށުން، ޑޮކްޓަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލްގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ނެޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސްއިންނެވެ.މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުމާއި، އެމް.ބީ.ބީ.އެސް ހެދުމަށް ފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވާންޖެހެއެވެ. އަދި ސްކޮލަޝިޕަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއްވައެވެ.