ވިޔަފާރި

ފުރަތަމަ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ މަސައްކަތް މިމަހު ފެށޭނެ - ޓޫރިޒަމް މިނިސްޓްރީ


ރާއްޖޭގައި ޤާއިމްކުރާ ފުރަތަމަ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ އަމަލީ މަސައްކަތް މިމަހުގެ ފަހުކޮޅު ފެށޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރުހާދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ކަލްޗަރަލް ޓޫރިޒަމް ތައާރަފްކުރުމަށް އިމާރާތްކުރާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

މި ވިޒިޓަރ ސެންޓަރުގެ ބޭނުމަކީ ރާއްޖޭގެ ސަޤާފަތާއި ތާރީހު އެއްތަނަކުން ފަތުރުވެރިންނަށް ފެނިގެންދާނެ ގޮތްތަކެއް ހެދުންކަމަށް އިބްރާހިމް ފަރުހާދު ވިދާޅުވިއެވެ.

"ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ މައިގަނޑު މަޤްސަދަކީ އެ އަތޮޅުތަކުގައި ލިބެންހުންނަ މުހިންމު މައުލޫމާތުތަކާއި، ތަކެއްޗާއި އަތްތެރިމަސައްކަތްތަކާއި ނުވަތަ ފަންނާނުން އެކުރާ މަސައްކަތްތައް ޓޫރިސްޓް ވިޒިޓަރ ސެންޓަރ ތެރެއިން ފެނިގެން ފަތުރުވެރިންނަށް ފެނިގެން އޭގެ ލާބައާއި މަންފާ ލިބިގެންދާނެގޮތައް އަޅުގަނޑުމެން މި ބައްޓަންކުރަނީ." އިބްރާހިމް ފަރުހާދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ޓޫރިސްޓް ވިޒިޓަރ ސެންޓަރު އަޅަނީ ރ. އަނގޮޅެތީމުގައެވެ. މިތަނުގެ ބިންގާ އަޅައިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެންނެވެ. ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި އޭނާގެ ދަރިފުޅެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވަނީ އަނގޮޅެތީމުގެ ޓޫރިސްޓް ވިޒިޓަރ ސެންޓަރު ޙާއްސަވާނީ ރާއްޖޭ ޑިމޮކްރަސީއަށް ކުރި ދަތުރަށްކަމަށެވެ. މި ވިޒިޓަރ ސެންޓަރުގެ ސަބަބުން ފަތުރުވެރިންނާއި ރާއްޖޭގެ ކިޔަވާ ކުދިންނާއި އަދި ދިވެހިންނަށް ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ މުޅި މަންޒަރު ފެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އަނގޮޅެތީމުގައި ޤާއިމްކުރާ ވިޒިޓަރ ސެންޓަރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިސްޓް ވިޒިޓަރ ސެންޓަރުތައް ޤާއިމްކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ތަޢާރަފްކުރުމުގެ ގޮތުން މައިސް ޓޫރިޒަމް އާއި ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ތެރޭގައި ދުނިޔޭގެ ރެކޯޑެއް ހެދުމަށް ބޭއްވި "ނޭވާ" ހަރަކާތަކީ ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރުމުގެ ގޮތުން ބޭއްވުނު އެންމެ ބޮޑު ހަރަކާތްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.