އަތޮޅުތައް

ފޮއްދޫގެ ޖެޓީގެ ބޮޑުބައެއް ހަލާކުވެ، ލަފާފުރުމުގައި ދަތިތަކެއް


މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގެ ޖެޓީގެ ބޮޑުބައެއް ހަލާކުވެ، ގިރާލުމާއި ގުޅިގެން އެރަށުގެ ލަފާފުރުމަށް ބުރޫއަރާފައިވާ ކަމަށް ފޮއްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ފޮއްދޫ ކައުންސިލުގެ ރައީސް މުހައްމަދު ސަނީ ވިދާޅުވީ، ފޮއްދޫ ޖެޓީ ހަލާކުވެފައިވަނީ އެތޮޅުގައި ދުއްވުމަށް ބޭނުންކުރަމުންދާ ފެރީ، ފޮއްދޫއަށް ގާތްކުރަން އުޅުމުގެ ތެރޭގައި ފެރީ ގޮސް ޖެޓީގައި ވަރަށް ބާރަށް ޖެހުމުން ކަމަށެވެ.މިޖެޓީއަކީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން އެރަށު ރައްޔިތުންގެ ޚަރަދުގައި ހަދާފައިވާ ޖެޓީއެއްކަން ފާހަގަ ކުރައްވަމުން ސަނީ ވިދާޅުވީ، މި ޙާދިސާގައި ޖެޓީގެ ބޮޑުބައެއް ހަލާކުވެ، ގިރާލާފައި ވުމުގެ ސަބަބުން، ރަށަށް އަރާފޭބުމުގައި ބޮޑެތި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެރަށަށް މުދާ އަރުވާ ބޭލޭނެ އިތުރު ގޮތެއް ނެތްކަމަށާއި، ކަނޑުދަތުރު ފަތުރުގެ ކަންކަން ހުއްޓުމަކަށް އައިސްފައިވާކަމަށް ކައުސިލްގެ ރައީސް ވިދާޅުވިއެވެ.މިޖެޓީއަކީ މަރާމާތު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ޖެޓީއެއް ކަމަށާއި، މިކަން އެކިފަހަރު މަތިން އަތޮޅު ކައުންސިލަށާއި، ހައުސިންގ މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ފޮއްދޫ ކައުންސިލުން މައުލޫމާތުދެއެވެ.ފޮއްދޫ ޖެޓީ މަރާމާތު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، އެމަސައްކަތް ނުކުރެވި ލަސްވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވިދާޅުވީ، މިމައްސަލައަށް ވަގުތީ ހައްލެ ހޯދުމުގެ ގޮތުން އެރަށުގެ ދެފަރާތެއްގައި ޖެޓީއެއް ހެދުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި، ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ކަންކަންވެސް ސަރުކާރުގެ ތެރެއިން ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބަނދަރު ޑިޒައިންކޮށް، އެކަމަށް ބޭނުންވާ ސާރވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މިހާރު ކުރެވެމުންދަނީ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.ޔާމިން ވިދާޅުވީ، މިއަހަރުގެ ތެރޭ ފޮއްދޫ ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.