ސްރީލަންކާގެ ރައީސާއި، ބޮޑުވަޒީރުގެ އަރިހަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު މެންދުރު ކޮޅުނބުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް މިނިސްޓަރ ޝާހިދު އަރިސްކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ބެހޭ ގޮތުން ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރައީސް ގޮތަބަޔަގެ ވެރިކަމުގައި މިގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގެ އިތުރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން ރިލޭޝަންސް ދިނޭޝް ގުނަވަރުދަނައާއިވެސް ބައްދަލުކުރައްވާއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ގުނަވަރުދަނަ މަޤާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްއާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންފައިވެއެވެ.