ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމާއި ބެހޭގޮތުން ކައުންސިލަރުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ދަރުބާރުގޭގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ކޮލިޓީ އޮޑިޓިންގ އޮފިސަރ ފާތިމަތް ޒައިނާ ޝަރީފު ވިދާޅުވީ މި ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން ގެސްޓްހައުސް، ސިޓީ ހޮޓާ އަދި ޓްރެވެލް އޭޖެންސީތައް އިންސްޕެކްޓްކުރާނެ ގޮތްތަކާއި ބެހޭގޮތުން ކައުންސިލަރުންނަށް މަޢުލޫމާތުދެވޭނެކަމަށެވެ. އަދި އިންސްޕެކްޓު ކުރާނެ ހާލަތްތަކާއި އިންސްޕެކްޓްކުރުމަށް ފަހު ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރާނެކަމަށް ޒައިނާ ވިދާޅުވިއެވެ.
"މި ޓްރެއިނިންގ ގެ ތެރެއިން އަޅުގަނޑުމެން ބައިވެރިންނަށް ކިޔައިދޭނަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ މި އިންސްޕެކްޝަންތަކަކީ ކިހިނެއްވެގެން ކުރިއަށްގެންދާ އިންސްޕެކްޝަންތަކެއްތޯ. މިސާލަކަށް ލައިސެންސް އާކުރުމަށް ނުވަތަ ލައިސެންސް މުއްދަތު ހަމަވެފައިވޭތޯ ބެލުމަށް. މީގެ އިތުރުން ގެސްޓްހައުސް އިންސްޕެކްޓުކުރުމާއި ރަށްރަށުގައި ޤާއިމްކޮށްފައި ހުންނަ ޓްރެވެލް އޭޖެންސީތައް އިންސްޕެކްޓްކުރުމާއި ގުޅުގެން މަޢުލޫމާތުދެވޭނެ." ޒައިނާ ވިދާޅުވިއެވެ.
ޒައިނާ ވިދާޅުވީ މި ޓްރެއިނިންގ ޕްރޮގްރާމަކީ ގެސްޓްހައުސްތަކާއި އެހެނިހެން ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް ކައުންސިލް މެދުވެރިކޮށް ކުރުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ. އަދި މިއާއެކު މިތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް ކައުންސިލާއި ހަވާލުކުރެވިގެންދާނެކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމު ލާމަރުކަޒީކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީ ލޯކަލް ޓުއަރިޒަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު މަސައްކަތަށް ވެގެންދާނެކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިންސްޕެކްޓްކުރުމުގެ ހުއްދަ ކައުންސިލްތަކަށް ދިނުމުން އެ ކައުންސިލަކުން އިންސްޕެކްޝަންގެ މަސައްކަތް ނިންމުމަށްފަހު ރިޕޯޓް މިނިސްޓްރީއަށް ހުށައަޅާނެކަމަށެވެ. އަދި އެއަށްފަހު މިނިސްޓްރީން އިންސްޕެކްޝަން ރިޕޯޓް ބަލައިގަނެ، ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
އިންސްޕެކްޝަންތަކުގެ މަސައްކަތް ކައުންސިލްތަކަށް ހަވާލުކުރިނަމަވެސް އެތަންތަނުގެ ސަލާމަތާއި ރަށްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަދާ އޮޑިޓް ކޮންމެ އަހަރަކުވެސް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.