ޚަބަރު

ދިރިއުޅެން ރައްކާތެރި ނޫން ތަނެއްގައި ބިދޭސީން ގެންގުޅު މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި


މާލޭގައި މީހުން ދިރިއުޅެން ރައްކާތެރި ނޫން ހާލަތެއްގައި ހުރި ތަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 41 އަހަރާއި 27 އަހަރާއި 39 އަހަރުގެ ފިރިހެނުންތަކެއް ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަށްފަހު އާއްމު ކުރި ވީޑިއޯއިން ފެންނަގޮތުން ހައްޔަރު ކުރި ތިން މީހުންނަކީ ޤަވައިދާ ޚިލާފަށް ގެސްޓްހައުސް ހިންގުމާއި އެހެނިހެން ވިޔަފާރު ކުރަމުންދިޔަ ބައެކެވެ. އަދި އެމީހުން ގެސްޓުހައުސްއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނުގައި 71 ބިދޭސީއަކު ދިރިއުޅެމުން އަންނައިރު އެމީހުންގެ އަތުގައި ވިސާނެތްކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ މީހުން ދިރިއުޅެމުންދިޔަ ތަނަކީ ސާފުތާހިރުކަން ކުޑަ މީހުން ދިރިއުޅެން ރައްކާތެރިނޫން ތަނެކެވެ. ޓިނާއި ދަގަނޑު ހޮޅި ބޭނުންކޮށްގެން ހަދާފައި ހުރި އެތަނުގައި ނިދަން ހަދާފައި ހުރީވެސް އަށިތަކެކެވެ. އަދި ތަނުގެ ވައި ދައުރުވާ ގޮތެއްވެސް ނެތެވެ.

މިމަހުގެ އެއްވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ މާލޭގައި ޤަވައިދާ ހިލާފަށް ގެސްޓް ހައުސްއެއް ހިންގާ އެތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ވަނީ ހުޅުވާލާފައެވެ.