ޚަބަރު

މޫސުމީ ބަދަލުތަކުން ކުދި ޤައުމުތަކަށް ކުރާ އަސަރުތައް ބޮޑެތި ޤައުމުތަކަށްވެސް ކުރާނެ


މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، ކުދި ޖަޒީރާ ޤައުމުތައް މިހާރު ތަހައްމަލުކުރަމުންދާ ވޭން މާދަމާ ބޮޑެތި ޤައުމުތައް ތަހައްމަލްކުރަން ޖެހޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ވިހެން ވިދާޅުވީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ހަރަކާތް، ކްލައިމެޓް ޑިޕްލޮމެސީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. މިނިސްޓަރގެ އިންޓަރވިއުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތައް މިހާރު ތަޙައްމަލު ކުރަމުންދާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ފޫނުބެދޭވަރުގެ ގެއްލުންތައް ކުރިމަތިވެ ނެތި ދިއުމުގެ ބިރު ހީވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ، ރާއްޖެއަކީ ކުދި ޤައުމުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނެރެ ވާހަކަދައްކަން ފެށި ފުރަތަމަ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލާއި، މޫދުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކްލައިމެޓް ޑިޕްލޮމަސީއިން ކުރި ޓުވީޓް

މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މިއަދު މަސައްކަތް ނުކުރެވިއްޖެނަމަ ކުރިއަށްއޮތްތަނުގައި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެގޮތުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ މިހާރު ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިއަށްއޮތްތަނުގައި ބޮޑެތި ޤައުމުތަކަށްވެސް ކުރިމަތިވާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ދަނީ އދ އާއި ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. އަދި އދގެ އެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގެ އިތުރުން ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް، ސިޑްސް އުފައްދާ، ސިޑްސްގެ މަސައްކަތްތަކުގައި ރާއްޖެއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.