އަތޮޅުތައް

ބ.އަތޮޅުން ޑެންގީ ޖެހުނު 15 މީހުން ފަރުވާއަށްފަހު ދޫކޮށްލައިފި


ޑެންގީ ހުންޖެހިގެން ބ. އަތޮޅުގެ ރަށްރަށުން މިއަހަރު ރެކޯޑް ކުރެވުނު ފަނަރަމީހުން ފަރުވާ ފުރިހަމަކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ފަނަރަ މީހުންނަށްވެސް ޑެންގީއަށް ފަރުވާ ދިނީ އަތޮޅު ހޮސްޕިޓަލުން ކަމަށާ، އެއްވެސް ބަލިމީހަކު އެމަޖެންސީ ހާލަތަކަށް ނުދަނީސް ފަރުވާ ކުރެވި ހުމުން ސަލާމަތްވެފައިވާ ކަމަށެވެ.ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ ސިދުގީ އަބްދުﷲ ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޑެންގީ ޖެހިގެން ފަރުވާދެވުނު 15 މީހުން ދޫކޮށްލި ނަމަވެސް ޑެންގީ ހުން ޖެހިފައިވާ ދެކުއްޖަކު މިހާރު އެހޮސްޕިޓަލްގައި ފަރުވާ ފުރިހަމަ ކުރެވެމުންދާކަމަށެވެ. އަދި ބަލީގެ ކުރީކޮޅު ހޮސްޕިޓަލަށް ދައްކާ ފަރުވާ ހޯދުމަށް ސަމާލުކަން ދެއްވުމަށް އަތޮޅުގެ ރައްޔިތުންނަށް ސިދުޤީ އިލްތިމާސްކުރެއްވިއެވެ.ސިދުގީ ވިދާޅުވީ ޑެންގީ ހުމަށް ދޭންޖެހޭ ފަރުވާއަށް ހޮސްޕިޓަލް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، އަތޮޅުތެރޭގައި ބަލިފެތުރޭ މިންވަރުވެސް ދުވަހުން ދުވަހަށް މޮނިޓަރކޮށް ފިޔަވަޅު އަޅަމުންދާކަމުގައެވެ.ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި އަތޮޅު ފެންވަރުގައި މަސައްކަތް ކުރުމަށްޓަކައި ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ކައުންސިލްތަކާ، ސިއްހީ އިދާރާތަކާ ގުޅިގެން ކޮންމެ ދުވަހަކުވެސް އެކިއެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.