 
										
			ވާހޯކްސްއިން ކުރިނބީ ކައުންސިލް ކަޕްގެ ތަށި މިލްކުކޮށްފިއެވެ. މުބާރާތުގެ ތަށި ވާހޯކްސް މިފަހަރު ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.
ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ  މިމުބާރާތުގެ ފައިނަލް މެޗު ގައި އިއްޔެ  އެފްސީ ރައިނޯސްއާ ބައްދަުކޮށް ވާހޯކްސްއިން ކާމިޔާބު ކޮށްފައިވަނީ އެކެއް ސުމަކުންނެވެ. 
މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ވާހޯކްސްގެ ޖާރޒީ ނަންބަރު 10 މުޙައްމަދު އަނާނެވެ. އޭނާ ވަނީ ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.  އަދި މުބާރާތުގައި ކާމިޔާބުކުރި 4 ލަނޑާއެކު މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް އަނާނުވަނީ ހޯދާފައެވެ.
މެޗުގެ ފަހުވަގުތާ ހަމައަށްވެސް ދެޓީމުގެ ފަރާތުންވެސް ޝައުޤުވެރި، މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށް ވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ވާހޯކްސްގެ ކީޕަރު މުޙައްމަދު ވިޝާހްއެވެ. 
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ދެއްވީ، ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހްއާއި އެކި މުއައްސަސާ ތަކުގެ ބޭފުޅުންނެވެ.