ކުޅިވަރު

90 ކުދިންނާއެކު އެފްއޭއެމް އެކެޑަމީ ކުޅުދުއްފުށީގައި ފަށައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގައުމީ ފުޓްބޯޅަ އެކެޑަމީ ޕްރޮގުރާމް ކުޅުދުއްފުށީގައި ފަށައިފި އެވެ.

ކުޅުދުއްފުށީގައި މިޕްރޮގަރާމް ކުރިއަށްގެންދަނީ ބަސީރު ސްޕޯޓްސް އެކެޑަމީއާ ޙަވާލު ކޮށްގެންނެވެ. ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގައި މި ޕްރޮގުރާމް ކުރިއަށްގެންދަންވެސް ހަވާލުކޮށްފައިވަނީ އެ އެކަޑަމީއާއެވެ.

އެފްއޭއެމް އެކެޑަމީ ކުޅުދުއްފުށީގައި ފަށާފައިވަނީ 90 ފިރިހެން ދަރިވަރުންނާއެކު އެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ފަށާފައިވާ މި ޕްރޮގުރާމް ފެށީ 13 އަހަރާއި 15 އަހަރާއިދެމެދުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެންނާއި 18 އަހަރުންގެ ދަށުގެ އުމުރުފުރާތަކަށް ޚާއްޞަ ކޮށްގެންނެވެ.

ތިން ކޯޗުންނާއެކު ފެށި މި ޕްރޮގުރާމުގައި ބައިވެރިވުމަށް ވަރަށް އަވަހަށް އަންހެން ކުދިންނަށް ފުރުޞަތު ހުޅުވާލާނެ ކަމަށާ އަންހެން ކުދިންނަށް ބައިވެރިވެވޭނީވެސް 12 އާއި 18 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ.