ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ - ރައީސް ޞާލިޙު


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދީ، ރައްކާތެރިކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ޞާލިޙުވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކިގޮތްގޮތުން އެހީތެރިކަންފޯރުވައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދީ، އެފަރާތްތަކަށް އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދާދިނުމުގައި މި ސަރުކާރު ދެމި އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގައިވެސް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެހެންމީހުންނެކޭ އެއްފަދައިން އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކުރުމަށް ބާރުއެޅުމެވެ. އަދި އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވާ ދައުލަތާއި މުޖުތަމަޢުގެ ފަރާތުން އެ ޙައްޤުތައް ފުރިހަމަގޮތުގައި ފޯރުވައިދިނުމާއި، އަޅާލުމާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އ.ދން ކަނޑައަޅާފައިވާ ޝިއާރަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އިސްނެގުން ކުރިއަށްނެރުމެވެ. މި ޝިއާރުގެ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމާއި، އިސްނަގައިގެން ހަރަކާތްތެރިވުމަށް ހިތްވަރުދީ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށް އެފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމެވެ.