ވިޔަފާރި

މާފަރު އެއަރޕޯޓްގެ ދެވަަނަ ފިޔަވަހީގެ މަސައްކަތަށް ޔޫއޭއީން އެހީ ހަމަޖެހިއްޖެ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ޔޫއޭއީއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ އެހީ ހަމަޖެހިފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ވަލީއަޙުދާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ޔޫއޭއީގެ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ހުއްދަ ޔޫއޭއީން ދެއްވާފައިވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން އެއަރޕޯޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ބިން ހިއްކުމާއި ރަންވޭ ދިގުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ، ރައީސުލްޖުމހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބަދަހިވެގެން ދިޔަ މިންވަރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި އެކަނިވެސް ޔޫއޭއީއަށް ރަސްމީ ދެ ދަތުރުފުޅު ކުރެއްވުމަކީ މި ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް ޔޫއޭއީގައި ޤާއިމުކުރެވި އިޤްތިޞާދީގޮތުން މި ދަތުުރުފުޅުތަކުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖެއާއި ޔޫއޭއީގެ ގުޅުމަށް 40 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ރައީސް ޞާލިޙްގެ ވެރިކަމުގައި މި ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވޭ. މިކަން އެމަނިކުފާނު މިހާތަނަށް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދެ ދަތުރުފުޅުންވެސް ހާމަވޭ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ޔޫއޭއީއަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ހުއްދަ ޔޫއޭއީ ވަނީ ދެއްވާފައި." ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ މިމަހުގެ ވަނީ ފްލައިޓް އޮޕަރޭޝަންތައް ފަށާފައެވެ. މާފަރުގައި މިހާރު ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި ދެހާސް ދުއިސައްތަ މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން މި ރަންވޭއަށް އުތުރު 1 ކިލޯ މީޓަރު އިތުުރުކުރުމަށް ވަނީ ނިންމާފައެވެ.
މިއާއިއެކު މާފަރު އެއަރޕޯޓުގައި ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ބޭނުންވާ އެހީ ހަމަޖެހިފައިވާއިރު، ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ އީއައިއޭ ރިޕޯޓް ނިމިފައިވާކަމަށްވެސް ސަރުކާރުން މަޢުލޫމާތުދެއެެވެ.