ޚަބަރު

ވީއައިއޭގެ ފްލައިޓް އޮޕަރޭޝަންތައް ރިކޯޑު އަދަދަކަށް


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ފްލައިޓު އޮޕަރޭޝަންތައް އިއްޔެ ރިކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.
އެމްއޭސީއެލްއިން ބުނީ އިއްޔެ އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތަކުގެ އަދަދު 226އަށް އަރާފައިވާކަމަށާ، މިއީ ރިކޯޑު އަދަދެއްކަމަށެވެ.

މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރުމުގެ ރިކޯޑް ހަދާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު މި ރިކޯޑް ޤާއިމުކޮށްފައިވަނީ 219 ފްލައިޓު އޮޕަރޭޝަންއާއި އެކުގައެވެ. މިއީ މިއަދު ރިކޯޑް ކުރިއަދަދަށްވުރެ 7 އޮޕަރޭޝަން މަދު އަދަދެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނީ މިމަހުގެ 1 ވަނަ ދުވަހު އެއަރޕޯޓަށް ޖެއްސި އަދި ފުރި މަތިންދާބޯޓުގެ އަދަދު 226 އަށް އަރާއިރު، އެއީ މީގެކުރިން ދުވާލެއްގެ މައްޗަށް ފްލައިޓް އޮޕަރޭޝަންތައް އިތުރު ނުވާ ވަރެއްކަމަށެވެ.

އެމްއޭސީއެލްއިން ކުރި ޓުވީޓް

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި އެއަރޕޯޓުން ފުރި ފްލައިޓްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ 102 ފްލައިޓާއި، ޑޮމެސްޓިކް 121 ފްލައިޓްގެ އިތުރުން 3 އަށްވުރެ ގިނަ ޗާޓަރ ފްލައިޓު ހިމެނެއެވެ.

މީގެ ކުރިން ފެބްރުއަރީ މަހު މި ރިކޯޑް ޤާއިމުކުރީއިރު، އެދުވަހު އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި އެއަރޕޯޓުން ފުރި ފްލައިޓްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ93 ފްލައިޓް، ޑޮމެސްޓިކް 111 ފްލައިޓްގެ އިތުރުން 15 އަށްވުރެ ގިނަ ޗާޓަރ ފްލައިޓު ޖައްސާފައިވެއެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް އެ އެއަރޕޯޓުންދޭ ޙިދުމަތްތައް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއްބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢުގެ ދަށުން، އާ ރަންވޭއެއް ހެދުމާއި، އިންޓަރނޭޝަނަލް ޓާމިނަލަކާއި، އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން، ފިއުލް ފާމަކާއި، ކާގޯ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން އެއަރޕޯޓަށް ޖައްސާ އެއަރ ކްރާފްޓްތަކަށް ފަސޭހަކަމާއެކު ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެއަރޕޯޓުގައި ޕާކް ކުރާނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.