ވިޔަފާރި

އެއަރޕޯޓާއެކު މާފަރުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގެ އުއްމީދު ބޮޑުވެއްޖެ


1224 މީހުންގެ އާބާދީއެއް އޮންނަ މާފަރަކީ ޖާގައިގެ ގޮތުން ބޮޑު ރަށެކެވެ. އެހެންނަމަވެސް 140 ހެކްޓަރުގެ ބޮޑު މި ރަށުގައި ތަރައްޤީގެ ވަސީލަތްތައް މަދެވެ. ޒަމާނީ ވަސީލަތްތައް މަދު މި ރަށުގައި ސްކޫލަކާއި ސިއްޚީ މަރުކަޒަކާއި ކައުންސިލް އޮފީހެއް ފިޔަވައި، މާގިނަ މުޢައްސަސާތަކެއް ޤާއިމްކޮށްފައެއް ނެތެވެ. ބޭންކިންގ ނިޒާމެއް ނެތްއިރު، ފުލުސް އޮފީހެއް ވެސް މާފަރުގައި ނުހުރެއެވެ.

ރަށުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގައި ހާހެއްހާ މީހުން ތިއްބަސް، ރަށުގައި ދިރިއުޅެނީ 600 އެއްހާ މީހުންނެވެ. ރަށު ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އެއްވެސް ގޮތަކަށް ކުރިއެރުން ލިބިފައެއް ނުވެއެވެ.

ވާސިލަތްތައް މަދު މާފަރުގައި އެއަރޕޯޓެއް ތަރައްޤީކޮށް، ދަތުރުތައް ފެށުމާއެކު މާފަރަށް ކުރިއަށްއޮތީ އުއްމީދީ ދުވަސްތަކެއްކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

މާފަރު އެއަރޕޯޓާއެކު މާފަރު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ރަށަށް ލޯކަލް ޓޫރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން ތަޢާރާފްވުމެވެ. ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްޤީކޮށް އާމްދަނީ ހޯދުމަށް އިތުރު މަގެއް އުފެދިގެން ދިއުމެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދް އަލީ ވިދާޅުވީ މާފަރު އެއަރޕޯޓާއިއެކު މާފަރުގެ ބިމުގެ ބޭނުންތެރިކަން އިތުރުވެގެންދާނެއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ގެސްޓްހައުސް ހިންގުމަށް ރައްޔިތުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށާއި މީގެ ސަބަބުން ކުރިއަށްއޮތް ތަނުގައި މާފަރުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށެވެ.

"މިހާރު މާފަރުގައި ރަނގަޅު ފެންވަރުގެ ގެސްޓްހައުސްއެއް ނެތް. އެހެންނަމަވެސް މިހާރުވެސް އަޅުގަނޑުމެންނަށް އޮފަރތައް އެބަ އާދޭ. އެހެންވީމަ، ބިމުގެ ޑިމާންޑް ބޮޑުވެ ގެސްޓްހައުސްތަކާއި އެއްޗިހި ހެދި މީހުން އައިސް ގޮސް ހެދީމަ ރަށަށް އޭގެ ނަފާ ވަރަށް ބޮޑަށް ލިބޭނެ." މާޖިދް ވިދާޅުވިއެވެ.

މާޖިދް ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ބިން ދޫކުރުމަށް މިހާރު ޓޫރިޒަމް މިނިސްޓަރާ މަޝްވަރާކޮށްފައިވާކަމަށާއި ވަރަށް އަވަހަށް މިކަން ހަމަޖެހިގެންދާނެކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ މަހުގައި ރަސްމީ ދަތުރެއްގައި ޓޫރިޒަމް މިނިސްޓަރއާ ބައްދަލުކުރިން. މިނިސްޓަރ ޔަޤީންކަން ދެއްވި ވަރަށް އަވަހަށް ޓޫރިޒަމަށް މާފަރުން ބިންތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް. އިރާދަކުރެއްވިއްޔާ މާ ދިގުނޫން މުސްތަޤްބަލެއްގައި ބިންތައް ދޫކުރެވި ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ." މާޖިދު ވިދާޅުވިއެވެ.

ނ. މާފަރަކީ ވަށައިގެން ގިނަ ރިސޯޓުތައް ކައިރީގައި ހުރި ސަރަޙައްދަކަށް ވުމާއެކު މާފަރުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވެނެކަމުގެ ޔަޤީންކަން ބޮޑެވެ. އަދި މިހާރު ފެށުމަށް ތައްޔާރުވަމުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތަކާއި ސީޕްލޭން ދަތުރުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން މާފަރަށް ކުރިއެރުމުގެ ފުރުސަތު ލިބި އުމްރާނީ ގޮތުންނާއި އިޤްތިސާދީގޮތުން މާފަރު ތަރައްޤީވުމަށް މަގުފަހިވެގެންދާނެއެވެ.