ވިޔަފާރި

މާފަރު އެއަރޕޯޓުގައި ސީ-ޕްލޭން އޮޕަރޭޝަންތައް ފަށަނީ


ނ. މާފާރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސީ-ޕްލޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއަރޕޯޓަށް އިންޓަރނޭޝަނަލް ދަތުރުތައް ފެށުމާއެކު ސީޕްލޭން ޚިދުމަތް މާފާރުގައި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ރިޒްވީ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ވިސްނުމަކީ މިތަނަށް ސީޕްލޭން ކަނެކްޓިވިޓީ ދިނުން. މިސާލަކަށް ބުނަންޏާ ޕްރައިވެޓް ޖެޓު ނުވަތަ އިންޓަރނޭޝަނަލް އެއަރކްރާފްޓް މިތަނަށް އޮޕަރޭޓްކުރަން ނިންމައިފިއްޔާ އަޅުގަނޑުމެންނަށް މާލޭގެ ވެލާނާ އެއަރޕޯޓުން މިދޭ ސަރވިސް މާފަރުން ވެސް ދެވޭ ގޮތަކަށް ހެދުމަށް މި ވިސްނަނީ." ރިޒްވީ ވިދަޅުވިއެވެ.

ރިޒްވީ ވިދާޅުވީ މާފާރު އެއަރޕޯޓަށް ދަތުރުފެށުމަށް މިހާރުވެސް ބައެއް ޕްރައިވެޓް ޖެޓްތަކާއި ޗާޓަރ ފްލައިޓްތަކުން އެދެމުންދާކަމަށާއި މިދަތުރުތައް ފެށުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން މިހާރު ކުރަމުން އަންނަކަމަށެވެ.

ސީޕްލޭން ޚިދުމަތް ފެށުމުގެ އިތުރުން މާފަރު އެއަރޕޯޓުގައި ޕައިލެޓް ޓްރެއިނިންގ ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ. މި ފެސިލިޓީ މެދުވެރިކޮށް މިދާއިރާއާއި ގުޅޭ ތަމްރީންތައް ކުރިއަށްދާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުމެއް އެބައިން މިކޮޅުގައި ޓްރެއިނިންގ ފެސިލިޓީއެއް ޤާއިމްކުރުމަށް. އޭގެ ތެރޭގައި ޕައިލެޓް ޓްރެއިނިންގ ސްކޫލެއް. ދެން އަޅުގަނޑުމެންގެ އިންޖިނިއަރިންގ ފެސިލިޓީއެއް. އެކަމަކު ކުޑަ ދުވަސްކޮޅެއް ނަގާނެ. އެހެންނަމަވެސް މިހާރުވެސް މިކަމަށްޓަކައި މަސައްކަތްކުރަމުންމިދަނީ." ރިޒްވީ ވިދާޅުވިއެވެ.

މާފާރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު މިހާރު ދުވާލާކު ތިން ފްލައިޓް މާލެއާއި މާފަރާ ދެމެދު ބާއްވާނެއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން ދުވާލަކު 6 ފްލައިޓް މާފަރަށް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.