ވިޔަފާރި

ރާއްޖެއަށް އިތުރު އެއަރޕޯޓްތައް ބޭނުންވޭ - އަސްލަމް


ރާއްޖޭގެ މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އިތުރު އެއަރޕޯޓުތައް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާފާރު އެއަރޕޯޓަށް ދަތުރުތައް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން އެންމެ ދިގުވެގެން 20 މިނެޓުގެ ރާސްތާއެއްގައި ދަތުރުކުރެވުންކަމަށެވެ. އެހެންކަމުން، ރާއްޖެއަށް އިތުރު އެއަރޕޯޓުތައް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އިތުރު 6 އެއަރޕޯޓު ތަރައްޤީކުރުމަކީ އަމާޒެއްކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ފުރައިގެން ކަނޑު ދަތުރުކޮށްފައި ދާދިޔުން 20 މިނެޓަށް ވުރެ އިތުރު ނުކުރުން. އަޅުގަނޑުމެން މި މަސައްކަތްކުރަމުންދަނީ ރާއްޖޭގައި އިތުރު އެއަރޕޯޓުތައް އެޅުމަށް. އެގޮތުން މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކުގެ އިތުރުން އިތުރު ހައެއްކަ އެއަރޕޯޓު އަޅަންޖެހޭ. އުއްމީދަކީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި މި ދެންނެވި އެއަރޕޯޓުތައް އެޅުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއަށް ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއްގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރޕޯޓު ތަރައްޤީކުރެވިގެން ދިޔަނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން ކައިރި ރަށްތަކަށް ދަތުރުފަތުރުކުރުމަށް ފަސޭހަ، އަގުހެޔޮ އަދި ހަރުދަނާ ނިޒާމެއް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށްތަކެއް ހިއްސާވާހެން ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެ އުފެދިފައި އޮތް ގޮތުން އަޅުގަނޑުމެން އެބަޖެހޭ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގެންނަން. މި ނިޒާމް ގެންނަން އޮތީ ޑޮމެސްޓިކް މެރިޓައިމް ނިޒާމެއްގެ ތެރެއިން. އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވާނީ ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

2020 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ބައެއް ރީޖަނަލް އެއަރޕޯޓުތައް ތަރައްޤީކުރުމަށް 115 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ށ. ފުނަދޫގައި އެއާޕޯޓު، ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އަދި ގދ. މާވާރުލު އެއާޕޯޓެވެ. އަންނަ އަހަރު އަލަށް ތަރައްޤީކުރާ އެއާޕޯޓުތަކުގެ ތެރޭގައި ބަޖެޓުގައި ހިމަނާފައިވަނީ މ. މުލީ އެއާޕޯޓު އެކަންޏެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.