ޚަބަރު

ފަނޑިޔާރުކަމުން ހައިލަމް ވަކިކުރުމަށް ކޮމިޓީއަށް


ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަޙްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ޖުޑީޝަރީ ކޮމިޓިން ބަލަމުންދާ ހައިލަމްގެ ސުލޫކީ މައްސަލާގައި ބުނެފައިވަނީ ފަނޑިޔެއްގެ ގައިގައި ހުންނަންނުޖެހޭ ޢަމަލުތައް ހައިލަމްގެ ކިބައިން ފެނިފައިވާކަމަށެވެ. އަދި އެކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަ ހައިލަމްގެ މައްޗަށް ސާބިތުވާކަމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބަލަމުންދާ ހައިލަމްގެ ސުލޫކީ މައްސަލަތަކާއި ގުޅިގެން އޭނާ މިހާތަނަށް ހުންނެވީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުރީ ނަސްރުގެ ދުވަހުގެ ތަހްނިޔާ ކިއުމަށް މެސެޖެއްގެ ގޮތުގައި ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާތަން ދައްކުވައިދޭ ކުރެހުމެއް ހިމެނޭތީ އެކަން ޖޭއެސްސީން ބަލަމުންދާތީއެވެ.

ޤާޟީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންނަވާކަން ސިޓީއަކުން ހައިލަމް ވަނީ އަންގާފައެވެ. އަދި އެ ކޮމިޝަނަށް ހާޟިރުނުވުމަށް ހައިލަމް ދީފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ޤަބޫލުކުރެވޭފަދަ ސަބަބެއް ނޫންކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމީ އޭނާގެ މައްސަލަ ބަލަމުންދާއިރު މަސައްކަތަށް ނުކުމެ އުޅުމަކީ އެ މައްސަލައިގެ ޒާތުން ޝަރުޢީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައެއްކަމަށް ބެލެވިގެން ކަމަށްވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ކ. ތުލުސްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޢައިނާން ޢަލީ މުޙައްމަދާއި، ރ.މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަދުނާން ޙުސައިން މަޤާމުން ވަކިކުރުމުގެ މައްސަލަވެސް ކޮމިޓީއަށް ފޮނުވާފައި.