ޚަބަރު

މުޢުތަޞިމާއި ސުޢޫދުގެ ނަންފުޅު ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި


އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މުޢުތަސިމް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރުހުން ހޯދެއްވުމަށް އެދިވަޑައިގެން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަދި ސުޕްރީމްކޯޓުގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އެބޭފުޅންގެ ނަންފުޅުތައް ފޮނުއްވީ މިދިޔަ މަހުގެ 28 ވަނަދުވަހުއެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސުޕްރީމްކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތި ލެއްވި ފަރާތްތަކާއި ރައީސް ފޮނުއްވި ނަންފުޅުތަކާއި އެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވި ފަރާތްތަކާއި އިންޓަރވިއުކުރުމަށް ފަހު އެކުލަވާލި ރިޕޯޓް އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.

މިގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރަން ރައީސް ފޮނުއްވި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދާއި ދެބޭފުޅުން އެމަޤާމްތަަކަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންމެމަތީ މަޝްވަރާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޢަބްދުއްރައޫފް އިބްރާހިމް އާއި ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ އެ ޝަކުވާތައް ބަލަމުން އަންނަކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު ރައޫފްގެ ނަމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އަޙްމަދު މުޢުތަޞިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުން މުޢުތަޞިމް އަދުނާނާއި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒުގެ ހުސައިން މަޤާމުގެ ގެއްލިގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަނުކުރެެއްވުމަށް ރައީސް ނަންފުޅު ފޮނުންވާފައިވާ އަލްއުސްތާޛު ޙުސްނުއްޞުއޫދު މިހާރު ހުންނެވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލި ކޮމިޝަންގެ ރައީސްގެ މަޤާމުގައެވެ.

ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަމުން ދާއިރު މިހާރު، ސުޕްރީމްކޯޓުގެ ހިނގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ދާދީ ފަހުން އެކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރަށެވެ. އެކޯޓްގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ސުޛޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރުން އަބްދުލްޣަނީ މުހައްމަދެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމާފައެވެ.