ޚަބަރު

ރައީސް ޞާލިހާއި ރައީސް ނަޝީދު ސަޢޫދީ އާއި ޔޫއޭއީގެ ވަލީއަޙުދާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސަޢުދިޢަރަބިއްޔާގެ ވަލީއަޙުދާއި ޔޫއޭއީގެ ވަލީއަޙުދާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސަޢޫދިއަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންއާއި ޔޫއޭއީގެ ވަލީއަޙްދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާއި ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރު އަބޫދާބީގައެވެ. މި ބައްދަލުވުމުގައި ވަނީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

ސަޢޫދިއަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ވެސް މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ ޢަޙްދުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔޫއޭއީއަށް ވަޑައިގަތީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް ވަނީ މީގެ ކުރިންވެސް ސަޢޫދިއަރަބިއްޔާއަށާއި، ޔޫއޭއީއަށް ވަޑައިގެން މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޔޫއޭއީއަށް އެތެރެވުމަށް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ސަރުކާރުން މިހާރުވަނީ ފަހިކޮށްދީފައެވެ.