ސިއްހަތު

އިއްޔެގެ ނިޔަލަށް މާލެއިން އެކަނި ޑެންގީހުމުގެ 183 ކޭސް


އިއްޔެގެ ނިޔަލަށް މާލެއިން ޑެންގީހުމުގެ 183 ކޭސް ރިޕޯޓްކޮށްފައިވާކަމަށާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 304  އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.އެޖެންސީއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އިއްޔެ އެކަނިވެސް ޑެންގީހުން ޖެހިގެން 9 ކޭސް އެ އެޖެންސީއަށް ރިޕޯޓްކޮށްފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީހުން ޖެހިގެން މިހާތަނަށް 484 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން ހާމަކުރެއެވެ.އެއެޖެންސީން މައުލޫމާތުދެއްވާ ގޮތުގައި ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ، ރ އަދި ބ އަތޮޅުންނެވެ. ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ އަތޮޅުން ޑެންގީޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއްވައެވެ.ޑެންގީހުން ޖެހިގެން ރ. އުގޫފާރު ހޮސްޕިޓަލުން މާލެ ގެނައި ހާލުދެރަ މާބަނޑު މީހާގެ ހާލުވެސް މިހާރު ރަނގަޅުވަމުންދާކަމަށް އެޗް.ޕީ.އޭ.އިން ހާމަކުރައްވައެވެ.ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި 4 މީހަކު ވަނީ މަރުވެފައެވެ. ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީއިން އިލްތިމާސްކުރައްވައެވެ. އަދި ޑެންގީގެ ކޭސްއެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.