ޚަބަރު

ސޯޝަލް މީޑިއާގައި މީހުންގެ އަބުރާބެހި މީހުންގެ އަގު ވައްޓާލުމަށް ހިންގާ އަމަލުތަކާ ދުރުވާންޖެހޭ - އިސްލާމިކް މިނިސްޓަރ


ސޯޝަލް މީޑިއާގައި މީހުންގެ އަބުރާބެހި މީހުންގެ އަގު ވައްޓާލުމަށް ހިންގާ އަމަލުތަކާ ދުރުވުމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެއް މުސްލިމަކީ އަނެއް މުސްލިމު އަޚާގެ މޫނުބަލާ ލޯގަނޑުގެ ގޮތުގައި ކީރިތި ރަސޫލާ ސިފަކުރެއްވީ ޙިކުމަތަކަށްޓަކައިކަމަށާ އެކަން މިއަދު ހަނދާންކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަކަށް ކުރެވޭ ކުށްތަކާއި ގޯސްކަންތައްތައް ސިއްރުގޮތުގައި އޭނާއަށް ބުނެދީ އެހެން މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްކޮށްދިނުމަކީ މުސްލިމު އަޚާއަށްޓަކައި އަނެއް މުސްލިމަކު ކުރަންޖެހޭކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދު މުޖުތަމައިން ފެންނަނީ މީހެއްގެ އައިބެއް ފެނިއްޖެނަމަ އެއްވެސް ބިރެއްނެތި އެކަމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެމީހެއްގެ އަގު ވައްޓާލާތަން ކަމަށެވެ. އެހެންކަމުން އެކަމަކީ މުސްލިމުން ދުރުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ޑިމޮކްރަސީގެ އުސޫލުތައް އިސްލާމީ މުޖުތަމައެއްގައި އަށަގަންނުވާއިރު، އިސްލާމީ އުސޫލުތަކާއި ހަމަތަކުންގެ މަތިން ކަންކަން ކުރަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ފާހަގަކުރެވޭ ފިކުރީ މައްސަލަތަކުގެ ތެރެއިން ޑިމޮކްރަސީގެ ނަމުގައި ގެންނަ ވިސްނުންތަކަކީ ފާހަގަކޮށްލެވޭ ކަންތައްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ދީނީ އިލްމުވެރިއާ ޑރ.ޢަބްދުﷲ ޖަމީލު ދެއްކެވި ވާހަކައިގައި ވަނީ ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މިޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ދީނީ ޢިލްމުވެރިއާ ޑރ.އިބްރާހީމް ޒަކަރިއްޔާ ވަނީ އިންޓަރނެޓުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އިންޓަރނެޓް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޓަރނެޓަކީ ސަމާލު ނުވެވިއްޖެނަމަ އޭގެ ފައިދާއާއެކު އޭގެ ނުރައްކާވެސް ބޮޑު ކަމެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓުގެ ދަންތުރަތަކުން ސަލާމަތްވުމަށް މުސްލިމުން މަސައްކަތްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢާއްމުނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަނަކީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން އިންތިޒާމްކޮށްގެން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދިޔަ ފެނަލް ޑިސްކަޝަނެކެވެ.