ޚަބަރު

ރައީސް ޔާމީން މާފުށި ޖަލަށް ބަދަލުކޮށްފި


5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކުރީ މިއަދު މެންދުރު ފަހުކަމަށެވެ. އަދި އެމަނިކުފާނު ބަންދުކޮށްފައި ބަހައްޓާފައިހުރީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް، އެސް.ޕީ.ޔޫގައިކަމަށް ކަރެކްޝަންއިން މަޢުލޫމާތުދެއެވެ. އެސް.ޕީ.ޔޫ އަކީ ހައި ޕްރޮފައިލް ނުވަތަ ރައްކާތެރިކަން އިތުރަށް ބޭނުންވާ ޤައިދީން ބައިތިއްބާ ޖަލުކަމަށް ކަރެޝަނަލް ސާރވިސްއިން މަޢުލޫމާތުދެއެވެ. އަދި އެތަނުގައި ރައީސް ޔާމީން ހުންވާއިރު އެމަނިކުފާނަށް ލިބިވަޑައިގަންވަންޖެހޭ ރައްކާތެރިކަމާއި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނު ޖަލަށްލުމަށް ހުކުމްކުރުމާއެކު އެމަނިކުފާނު އެންމެ ފުރަތަމަ ބަންދުކޮށްފައި ހުރީ މާލޭ ޖަލުގައެވެ. ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ ރައީސް ޔާމީން މާލޭ ޖަލުގައި ބަންދުކޮށްފައި ބެހެއްޓީ ބަންދުކުރާ ޤައިދީންނާމެދު ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ފުރިހަމަކުރަންޖެހޭ ސިއްޙީ އަދި އެހެނިހެން އިޖުރަޢާތްތައް ފުރިހަމަކުރުމަށްކަމަށެވެ. އަދި މާފުށި ޖަލަށް ރައީސް ޔާމީން ބަދަލުކުރެއްވީ އެކަންކަން ފުރިހަމަކުރުމަށްފަހުކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ރައީސް ޔާމީން މާލޭ ޖަލުގައި ބަހައްޓާފައިހުރިއިރު އެމަނިކުފާނު ހުންނެވި ގޮޅީގެ ޙާލަތު ދަށްކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް އެޗްއާރުސީއެމްއިން އެދިވަޑައިގެންނެވިކަމަށެވެ. އަދި އެޗްއާރުސީއެމްގެ 3 ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިކަމަށްވެސް މުނާޒް ވިދާޅުވިއެވެ.

އެޗްއާރުސީއެމުން ބުނީ ޖަލުގައި ހުންނެވި ރައީސް ޔާމީންގެ ހާލު އެކޮމިޝަނުން ބައްލަވާފައިވާކަމަށާއި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެވެންނެތްކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. އެޙުކުމާއެކު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ދަނީ ޙުކުމް އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.