ކުޅިވަރު

އެކުވެރިކަމުގެ ދެވަނަ މެޗުން ފިރިހެނުންގެ ޤައުމީ ބާސްކެޓް ބޯޅަ ޓީމު ބަލިވެއްޖެ


ޗައިނާގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފިރިހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމު ބަލިވެއްޖެއެވެ.

ޤައުމީ ބާސްކެޓު ޓީމު ބަލިވެފައިވަނީ ޗައިނާގެ ކުންމިންގެ ޔުނާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލިޖީ ޓީމާ ވާދަކޮށް 91 ޕޮއިންޓް 68 ޕޮއިންޓުންނެވެ. އެ ޓީމަކީ ޔުނިވަރސިޓީގެ މިއަހަރުގެ ޗެންޕިއަން ޓީމެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓަރގައިވެސް ރާއްޖޭގެ ކުޅުންތެެރިންނަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޔުނާން ޔުނިވަރސިޓީގެ ޓީމު ފެނިގެންދިޔައީ ފިޒިކަލީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އެގޮތުން އެޓީމުގެ ކުޅުންތެރިންގެ ހުނަރާއި ކުޅުންތެރިންގެ ސްޕީޑް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މެޗު ފެށިގެން ނިމެންދެންވެސް ޔުނާން ޔުނިވަރސިޓީގެ ޓީމު ކުޅެމުންދިޔައީ ލީޑްގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ނިންމާލާފައިވަނީ ދިވެހި ޓީމް ބޮޑު ތަފާތަކުން ބަލިވެގެންނެވެ. އެއީ 21 ޕޮއިންޓް 7 ޕޮއިންޓުންނެވެ.

ދެވަނަ ކުއާޓަރވެސް ޔުނާން ޔުނިވަރސިޓީގެ ޓީމު ނިންމާލީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. އެއީ 25 ޕޮއިންޓް 12 ޕޮއިންޓުންނެވެ. އިދިކޮޅު ޓީމުގެ ދިގު އަދި ފިޒިކަލީ ވަރުގަދަ ކުޅުންތެެރިން ކައިރީގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެން އުދަގޫވިތަން މެޗުން ފެނިގެންދިޔައެވެ.

މެޗުގެ ތިންވަނަ ކުއާޓަރ އެޓީމުން ކާމިޔާބުކުރީ 65 ޕޮއިންޓް 31 ޕޮއިންޓުންނެވެ. ނަމަވެސް މެޗްގެ ހަތަރުވަނަ ކުއާޓަރގައި ދިވެހި ޓީމުންވަނީ ކުޅުން ރަގަނޅުކޮށް ފަރަގު ކުޑަކޮށްފައެވެ. މެޗްގެ ހަތަރުވަނަ ކުއާޓަރ ޔުނާން ޔުނިވަރސިޓީގެ ޓީމުން ކާމިޔާބުކުރީ 91 ޕޮއިންޓް 68 ޕޮއިންޓުންނެވެ. ވާދަވެރި މެޗްއަށްފަހު ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކޯޗް އެެލެގްޒެންޑަރ ކޯރޭ ބެލްސާރ ބުނީ ޔުނާން ޔުނިވާސިޓީ ޓީމުގެ ކުޅިންތެރިން ކުޅުނީ ވަރަށް ފިޒިކަލްކޮށްކަމަށާއި ފިޒިކަލް މެޗުތަކަށް ކުޅުންތެރިން ނުހޭނޭކަމަށެވެ. އަދި ސާކް ސަރަހަދުގެ ބާސްކެޓަކީ އެހާ ފިޒިކަލް ބާސްކެޓެއް ނޫންކަމަށާއި ދިވެހި ކުޅުންތެރިން ތިބީ ޖެހިލުންވެފައިކަމަށް ކޯޗް ބުންޏެވެ.

"ކުޅުންތެރިން ފިޒިކަލް ގޭމަށް އަދި ތައްޔާރެއް ނުވޭ. މިއީ ސާކް ސަހަރައްދުގެ ގައުމްތަކުގައި ކުޅޭ ބާސްކެޓްއެއް ނޫން. ނަމަވެސް މިފަދަ މެޗުތަކަށްވެސް ރާއްޖޭގެ ކުޅުންތެރިން އެބަޖެހޭ ހޭނެން. މިއީ މުޅިން އާ ތަޖްރިބާއެއް. ފުރަތަމަ ތިން ކުއާޓަރގައި ވެސް ރާއްޖޭގެ ކުޅުންތެރިން ތިބީ ކުޅެގަންނަން ނުކެރިފަ، ނަމަވެސް ފަހު ކުއާޓަރގައި އިތުރު ހިތްވަރެއް ލިބި ރާއްޖޭގެ ކުޅުންތެރިންގެ ފާރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ. ކައިރި ކައިރީގައި ސްކޯ ކުރަމުންދިޔަ. ކުރިން މެޗްތަކުގައިވެސް ދިމާވި މައްސަލަ ހަމަ ދިމާވީ. ލިބޭ ފުރުސަތުގެ ބޭނުން ނުހިފުން." ކޯޗް ބެލްސަރ ބުންޏެވެ.

ޤައުމީ ޓީމްގެ ކުޅުންތެރިޔާ މުޙައްމަދު ޙުވެއިލިދު އަލީ ބުނީ ޓީމުގެ ކުޅުންތެރިން ބޮޑަށް މަސައްކަތް ކުރީ މެދު ތެރެއިން ކުޅެގެން ސްކޯ ކުރަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ކުޅުނު ޓީމުންވަނީ ބޭރުން ގިނަ 3 ޕޮއިންޓްތަކެއް ސްކޯ ކޮށްފައެވެ. މެޗުން މޮޅުވުމަށް ވުރެ ބޮޑަށް ކުޅުންތެރިން ބެލީ، ފިޒިކަލީ ވަރުގަދަ ޓީމަކާ ޖެހުމުން ރަގަނޅު ކުޅުމެއް ކުޅޭވޭތޯކަމަށް ވެސް ޙުވެއިލިދު ބުންޏެވެ.

ޗައިނާގައި ރާއްޖޭގެ ފިރިހެނުންގެ ޤައުމީ ވޮލީ ޓީމު މިހާރު ކުރަމުންދާ ކޭމްޕުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.