ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަމަހު 53 މިލިއަން ރުފިޔާ


އޮކްޓޯބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 53 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 53,028,904 (ފަންސާސް ތިން މިލިއަން އަށާވީސް ހާސް ނުވަސަތޭކަ ހަތަރު) މިލިއަން ރުފިޔާ ލިބިފައެވެ.

މީގެ ތެރެއިން ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 48.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހޮޓެލްތަކުން 1.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ލިވަބޯޑްސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައިވަނީ 1.5 މިލިއަން ރުފިޔާ އެވެ.

އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅުން 19.1 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އދ. އަތޮޅުންނާއި އއ. އަތޮޅު އަދި ދ. އަތޮޅުންނެވެ. އެއީ ކޮންމެ އަތޮޅަކުން ގާތްގަނޑަކަށް 4 މިލިއަން ރުފިޔާއެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބިފައިވަނީ މ. އަތޮޅުންނެވެ. އެއީ ޖުމްލަ 1886 ރުފިޔާއެވެ.

އޮކްޓޫބަރުމަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މާލެ ސިޓީން ގްރީން ޓެކްސްގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގްރީން ފަންޑުން ފައިސާ ޚަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަށް ހިންގުމަށެވެ. ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކު ހަ ޑޮލަރު ނަގާއިރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ނަގަނީ ތިން ޑޮލަރެވެ.