އަތޮޅުތައް

ގިނަ ފައިސާގެ އިނާމްތަކަކާއިއެކު ދިއްދޫގައި ޤުރުއާން މުބާރާތެއް


ދެލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާގެ އިނާމް ހުށައަޅާފައިވާ ގުރުއާން މުބާރާތެއް ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ ސަތާރައިން އެކާވީހުގެ ނިޔަލަށެވެ.ދެލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާގެ އިނާމް ހުށައަޅައިގެން ކުރިއަށްގެންދާ ގުރުއާން މުބާރާތަކީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ސަން ފައުންޑޭޝަނާއި ހެޔޮއެދޭ ފަރާތްތަށް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި 199 ދަރިވަރުން ވާދަކުރެއެވެ.މިދިޔައަހަރު މުޅި މުބާރާތުން އެއްވަނަ ދަރިވަރަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅައިގެން ކުރިއަށްގެންދިޔަ ނަމަވެސް މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބޭ ދަރިވަރަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވެއެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ދަރިވަރަށްވެސް ވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައެވެ.މީގެ އިތުރުން މުޅި އަތޮޅަށް ހުޅުވާލާފައިވާ ބައިން ވަނަވަނައަށް އަންނަ ދަރިވަރުންނަށްވަނީ ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައެވެ.ގްރުއާން މުބާރާތް ފެށުމަށް ދިއްދޫ އަތޮޅުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ،ދިއްދޫގައި ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދާއިރު، މީ ދަރިވަރުންގެ ހުނަރު ދައްކާލުމަށްލިބޭ ފުރުސަތެއްކަމަށެވެ. އަދި މި މުބާރާތަކީ، އަގުގެގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ މުބާރާތްކަމަށް ވިދާޅުވިއެވެ.ކައުންސިލްގެ ރައީސްގެ ވާހަކާގައި، ބެލެނިވެރިން ދަރިންނަށް ރީތިކޮށް ގުރުއާން ކިޔަވައިދިނުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރެއްވާ ކީރިތި ގުރުއާން އުނގެނުމާއި ދަސްކުރުމާއި ބެހޭގޮތުން ވަރަށް ތަފްސީލްކޮށް އަލިއަޅުއްވާލެއްވިއެވެ.މިރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް މިއަށްވުރެ ފުޅާކުރުމަށް ވިސްނަވަމުންގެންދަވާކަމަށް ވިދާޅުވިއެވ. އަދި މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތަށް ވެގެންދާނެކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުންނަށް ބައިވެރިވެވޭގޮތް ފުޅާކުރުމަށް ވިސްނަވާކަމަށެވެ.މިމުބާރާތުގެ ފަނޑިޔާރުކަން ކުރަނީ ރާއްޖޭގެ ދެފަނޑިޔާރުންނާއި، ރާއްޖެއިން ބޭރުގެ ފަނޑިޔާރެކެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދަށްފަހުގައެވެ.